ރޭ ލިތުއާނިއާއާއި ދެކޮޅަށް ކުޅުނު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯގެ ހެޓްރިކާއެކު ޕޯޗުގަލް ޔޫރޯ 2020 އަށް ކޮލިފައިވުމާއި ގާތަށް ޖެހިލައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗު ފަސޭޙަކަމާއެކު ޕޯޗުގަލް ކާމިޔާބުކޮށްފައިވާއިރު ރޭގެ މެޗު ނިމިގެން ގޮސްފައިވަނީ 6-0 ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.
ރޭގެ މެޗުގައި ރޮނާލްޑޯ ހެޓްރިކް ހަދާފައިވާއިރު، ޕޯޗުގަލްގެ އަނެއް ތިން ލަނޑު ޖަހާފައިވަނީ ޕިޒީ، ގޮންޒާލޯ ޕެސިއެންސިއާ އަދި ބަނާޑޯ ސިލްވާއެވެ. ހުރިހާ ގޮތަކުން މެޗު ކޮންޓްރޯލް ކުރަމުންއައި ޕޯޗުގަލްއަށް މީގެ އިތުރުންވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ރޭގެ މެޗުގައި ލިބިގެން ގޮސްފައިވެއެވެ.
ކެރިއަރުގައި ޖެހި ލަނޑުގެ އަދަދު 700 ދަދިފަހުން އެރުވި ރޮނާލްޑޯ ރޭގެ މެޗުގައި ކާމިޔާބުކުރި ހެޓްރިކާއެކު އޭނާ ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދުވަނީ 98 ކަށް އަރާފައެވެ. ޤައުމީ ޓީމަށް ކާމިޔާބުކޮށްދިން ލަނޑުގެ އަދަދު 100 ހަމަކުރަން ރޮނާލްޑޯ މިހާރު ބޭނުންވަނީ ހަމަ އެންމެ ދެލަނޑެވެ. ރޮނާލްޑޯ ވަނީ މިހާތަނަށް 55 ހެޓްރިކް ހަދާފައެވެ.
ރޭގެ މޮޅާއެކު 7 މެޗުން ލިބުނު 14 ޕޮއިންޓާއެކު ގްރޫޕް ބީ ގެ ދެވަނާގައި ޕޯޗުގަލް އޮތްއިރު، އެއްވަނާގައި ޔޫކްރެއިން އޮތީ 19 ޕޮއިންޓާއެކުގައެވެ.
ކޮލިފައިންގެ ފަހު މެޗުގައި ޕޯޗުގަލް ލަކްސެމްބޯގާއި ދެކޮޅަށް ނުކުންނާނީ އަންނަ އާދިއްތަ ދުވަހުގެ ރޭ 07:00 ގައެވެ.



