ބާސެލޯނާއަށް ބަދަލުވީ، އެކްލަބުން ކުޅޭ ސްޓައިލަށް ފިޓްވުމަކީ އުނދަގޫކަމެއްކަށް އެނގިހުރެކަމަށް، ފްރާންސްގެ ތަރި އެންޓޮއިން ގްރިޒްމަން ބުނެފިއެވެ.
ބާސެލޯނާއާއި ގުޅުނުފަހުން މިހާތަނަށް މާއެދެވޭ ކުޅުމެއް ގްރިޒްމަންއަށް ދެއްކިފައިނުވާއިރު، އޭނާ ބާސެލޯނާގެ ސްޓައިލަށް ހޭނެއް ދުވަސް ނަގާނެކަމަށް ރިޕޯޓްތައް ބުނެއެވެ.
"އަހަރެން މިދަނީ ގިނަ އެއްޗެހިތަކެއް ދަސްކުރަމުން. އަހަރެން ބާސެލޯނާއަށްއައީ އެކްލަބުން ކުޅޭ ސްޓައިލަށް ފިޓްވުމަކީ އުނދަގޫކަމެއްކަށް އެނގިހުރެ." ގްރިޒްމަން ބުންޏެވެ.
ގްރިޒްމަން މިހާތަނަށް ސެންޓްރަލް ފޯވާޑަށް ކުޅެމުންއައިނަމަވެސް، ބާސެލޯނާއަށް ބަދަލުވިފަހުން ވާތު ވިންގަން ކުޅެން އޭނާއަށްވަނީ މަޖުބޫރުވެފައެވެ.
އެގޮތުން ގްރިޒްމަން ބުނީ، އޭނާއަކީ އަބަދުވެސް މެދުން ކުރިއަށް ކުޅެމުންއައި ކުޅުންތެރިއެއްކަމަށާއި، ނަމަވެސް ބާސެލޯނާގައި އަލަށް ލިބުނު މަޤާމަށް ކުޅެން މިހާރު ދަސްކުރަމުންދާކަމަށެވެ.
ބާސެލޯނާގެ ކޯޗު އާނެސްޓޯ ވަލްވާޑޭ އަދި ފްރާންސް ގައުމީ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސްވެސް ގްރިޒްމަން ދިފާޢުކޮށް ވާހަކަދައްކާފައިވާއިރު، ގްރިޒްމަންގެ އަސްލު ފެންވަރު ބާސެލޯނާގައި އޭނާއަށް ދެއްކޭނެކަމަށް މިދެކޯޗުންވެސް ޤަބޫލުކުރެއެވެ.
މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ބާސެލޯނާއާއި ގުޅުނު ގްރިޒްމަން ބާސެލޯނާއާއެކު ހަދާފައިވަނީ 5 އަހަރުގެ ކޮންޓްރެކްޓެކެވެ. އެހެން ކަމުން ގްރިޒްމަން ބާސެލޯނާގައި 2024 ގެ ޖޫން 30 އާއި ހަމައަށް ހުންނާނެއެވެ.



