ރެއަލްމެޑްރިޑަށްވުރެ ބޮޑަށް ވޭލްސްއަށް ކުޅޭ ހިތްވާކަމަށް ބޭލް ބުނެފި

ރެއަލްމެޑްރިޑަށްވުރެ ބޮޑަށް ވޭލްސްއަށް ކުޅޭ ހިތްވާކަމަށް ގެރެތު ބޭލް ބުނެފިއެވެ.

މިދިޔަ އޮކްޓޯބަރމަހު އޮތް އިންޓަރނޭޝަނަލް ބްރޭކްގައި ކުޑަކަޅުވާއަށް ލިބުނު އަނިޔާއަކާއި ގުޅިގެން ކުޅުމާއި ދުރުގައިހުރި ބޭލް އޭގެފަހުން ރެއަލްމެޑްރިޑްގެ މެޗަކުން ފެނިފައިނުވިނަމަވެސް އޭނާވަނީ އަޒަރބައިޖާންއާއި ދެކޮޅަށް މިރޭ ކުޅޭ މެޗަށް ވޭލްސް ޓީމާއެކު ދަތުރުކޮށްފައެވެ.

އުމުރުން 30 އަހަރުގެ ބޭލް ރެއަލްމެޑްރިޑް ދޫކޮށް ޗައިނާއަށް ބަދަލުވާން އުޅޭކަމުގެ އަޑުތައް މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ދެކުވުނު ނަމަވެސް އޭނާވަނީ ރެއަލްމެޑްރިޑްގައި މަޑުކުރަން ނިންމާފައެވެ. މިސީޒަންގައި ބޭލް ރެއަލްމެޑްރިޑަށް މިހާތަނަށް 7 މެޗު ކުޅެދީފައިވާއިރު، ދެލަނޑު ޖަހާ ދެ އެސިސްޓް ހަދާފައިވެއެވެ.

"ވޭލްސްއަށް ކުޅެން އަހަރެން މާ ގަޔާވޭ." ބޭލް ބުންޏެވެ.

މީގެއިތުރުން ބޭލް ބުނީ ވޭލްސް ޓީމުގައި ހިމެނެނީ އޭނާ ވަރަށް ކުރިންސުރެ ދަންނަ މީހުންކަމަށާއި، އަމިއްލަ ބަހުން ވާހަކަ ދައްކާ އަމިއްލަ ވަންތަ ބަޔަކާއެކު ކުޅެން މާ ހިތްހަމަޖެހޭކަމަށެވެ.

އެހެންނަމަވެސް ދަނޑުމަތީ އޭނާގެ މަސައްކަތަށް ބަދަލު ނާންނާނެކަމަށާއި، ކޮންމެ ޓީމަކަށް ކުޅުނު ނަމަވެސް ދަނޑުމަތީގައި 100 ޕަސެންޓް ދެއްކޭތޯ މަސައްކަތް ކުރާނެކަމަށްވެސް ބޭލްވަނީ ބުނެފައެވެ.

ޔޫރޯ 2020 އަށް ކޮލިފައިވުމަށް ވޭލްސްއިން މަސައްކަތްކުރަމުންދާއިރު، ކޮލިފައިވުމުގެ އަމިއްލަ ބާރު އެޓީމު އަތަކުނެތެވެ. ކިރިޔާވެސް ޔަޤީންކަމެއް އޮންނާނީ ކޮލިފައިންގައި ކުޅޭ ފަހު ދެމެޗުން މޮޅުވެގެންނެވެ.

ހަމެޗުން ލިބުނު 8 ޕޮއިންޓާއެކު ގްރޫޕް އީ ގެ ހަތަރުވަނާގައި ވޭލްސް އޮތްއިިރު، ތިންވަނާގައި އޮތް ސްލޮވޭކިއާއަށް 10 ޕޮއިންޓް ލިބިފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ