އަންނަ އެޕްރީލް މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީއަށް މެޖޯރިޓީ ނުލިބިއްޖެނަމަ އެއްކަމެއްވެސް ނުވާނެކަމަށް ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ވިދާޅުވެއްޖެއެވެ.
ޝިފާޒް މިހެން ވިދާޅުވީ، ބާރަށު ދާއިރާގެ އެމްޑީޕީ ކެންޑިޑޭޓް އަޙްމަދު ޢަބްދުﷲގެ ކެމްޕޭން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ވިދާޅުވީ، ރިޔާސީ އިންތިޚާބުގައި ވިދާޅުވީ، ދިވެހިރާއްޖެ ތަރައްޤީކޮށް، އިންސާފުގެ މަގަށް ގެންނަވާނެ ކަމަށް ކަމަށާއި، ނަމަވެސް މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް ނުލިބި އެކަންކަން ނުވާނެ ކަމަށެވެ.
"ވެރިކަމެއް ނުކުރެވޭނެ މަޖިލިސް ނުލިބިއެއް، ތަރައްޤީއެއްވެސް ނުކުރެވޭނެ މަޖިލިސް ނުލިބިއެއް، އިންސާފެއްވެސް ނުހޯދޭނެ މަޖިލިސް ނުލިބިއެއް." ރައީސް އޮފީހުގެ މިނިސްޓަރ މުޙައްމަދު ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް ވިދާޅުވީ، މަސައްކަތް ކުރެއްވީ އިންސާފު ހޯއްދަވަން ކަމަށާއި، ނަމަވެސް އެމްޑީޕީ ނޫން އެހެން އެންމެން ކުޅެނީ އެއާ ދުރަށް ކަމަށްވާތީ ތިލަފަތަށް ނޫން ބަޔަކަށް ވޯޓު ދޭން ނުޖެހޭ ކަމަށެވެ.
"ރިޔާސީ އިންތިޚާބުގައި މަސައްކަތްކުރީ އިންސާފު ހޯދަން. ނަމަވެސް މިއަދު އެކަން ކުރަން އަޅުގަނޑުމެން ނިކުތީމާ ގަޔާ ދުރަށް ކުޅެނީ، އެމްޑީޕީ ނޫން އެންމެން ކުޅެނީ ގަޔާ ދުރަށް. ދެން ކޯއްޗެއްތޯ އަޅުގަނޑުމެން އޮތީ މީގައި ބަލަން، އެމްޑީޕީ ރައްޔިތުން ގައިމުވެސް ކެމްޕޭނަށް ނިކުތީ، މެންބަރުން ކެމްޕޭނަށް ނިކުތީ އިންސާފަށް އެދިގެން، އިންސާފު ޤާއިމުކޮށްދޭނެކަމުގެ އުއްމީދުގައި." ޝިފާޒް ވިދާޅުވިއެވެ.
ޝިފާޒް އިތުރަށް ވިދާޅުވީ، އިންސާފު ޤާއިމު ކޮށްދެއްވާނެ ކަމަށާއި، ނަމަވެސް އެކަން ވާނީ އުނދަގުލާއި، ފިއްތުންތަކުގެ ތެރެއިން މަޖިލިސް އިންތިޚާބު އެމްޑީޕީއަށް ކާމިޔާބު ކުރެވިގެން ކަމަށެވެ.
"އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންގެ މިސަރުކާރުން އެކަން ރާއްޖޭގެ ރައްޔިތުންނަށް ކަށަވަރު ކޮށްދޭނަން، އެހެން ނަމަވެސް މި އުނދަގުލާ ފިއްތުންތަކުގެ ތެރެއިން މި އިންތިޚާބުބ ކާމިޔާބު ކޮށްގެން." ޝިފާޒް ވިދާޅުވިއެވެ.