ސްޕެނިޝް ލަލީގާގައި ރޭ ރެއަލްމެޑްރިޑް އަދި ބާސެލޯނާ ބައްދަލުކުރި މެޗުން ރެއަލްމެޑްރިޑް ބަލިވެ، ލީގަށް ކުރާ އުއްމީދު ކުޑަވެއްޖެއެވެ.
0-1 ގެ ނަތީއަކުން ނިމުނު މިމެޗުގެ ހަމައެކަނި ލަނޑު މެޗުގެ 26 ވަނަ މިނެޓްގައި ޖަހައިދިނީ ބާސާގެ ރަކިޓިޗްއެވެ. މިލަނޑަކީ ރާމޯސް ކައިރިން އޭރިއާ ތެރެއަށް ވަދެ ކީޕަރު ކޯޓުއާ ބޯމަތިން ރަކިޓިޗް އެއްލި ޗިޕެކެވެ. ދެޓީމުގެ ފަރާތުންވެސް ހަމަހަމަ ކުޅުމެއް ފެނުނުއިރު، މިދެޓީމު ކުރިން ކުޅުނު އެއްފަދައިން މިމެޗުގައިވެސް ގިނަ ހަމަލާ އުފެއްދީ ރެއަލްމެޑްރިޑުންނެވެ. ނަމަވެސް ބާސާގެ ކުޅުން މިމެޗުގައި ކުރިންމެޗަށްވުރެ ރަނގަޅުކަން ފާހަގަކޮށްލެވެއެވެ.
މިމޮޅާއެކު ބާސާ ވެގެންދިޔައީ ސަންތިއޭގޯ ބާނަބޭއޫގައި، ޖެހިޖެހިގެން ހަތަރު ލަލީލާގާ މެޗުން މޮޅުވި ހަމައެކަނި ކްލަބަށެވެ. އެންމެފަހުން ރެއާލްގެ ދަނޑުގައި ބާސާއިން، ލަލީގާގައި ކުޅުނު ހަތަރުމެޗުންވެސް ބާސެލޯނާވަނީ މޮޅުވެފައެވެ.
ބާސާގެ ގޭމް ހުއްޓުވަން އޮތް ގޮތަކީ މެސީ ހުއްޓުވުން ކަމަށްވާއިރު ރާމޯސްވަނީ ދެފަހަރެއްގެ މަތިން ގަސްތުގައި މެސީ ވައްޓާލާފައެވެ. މީގެން އެއްފަހަރުވެސް ރެފްރީ ރާމޯސްއަށް ކާޑުދައްކާފައި ނުވާއިރު މެސީވަނީ ރާމޯސް ދެކެ ރުޅި އައިސް، ވަރަށް ބޮޑަށް ނުރުހުންވެސް ފާޅުކޮށްފައިވެއެވެ. މިމެޗުގެ މޮޅުކުޅުންތެރިއަކަށްވެސް ހޮވިފައިވަނީ މެސީއެވެ.

މުބާރާތުގައި ބާކީ 12 މެޗު އޮތްއިރު ތާވަލްގެ އެއްވަނައިގައި 60 ޕޮއިންޓާއެކު އޮތީ ބާސެލޯނާއެވެ. 50 ޕޮއިންޓާއެކު ދެވަނައިގައި އޮތް އެތުލެޓިކޯ މިރޭ ރެއަލް ސޮސިޑޭދްއާ ބައްދަލުކުރާ މެޗުން މޮޅުވެއްޖެނަމަ ބަސާއާއި ދެމެދު އޮތް 10 ޕޮއިންޓްގެ ފަރަގު ކުޑަކުރެވޭނެއެވެ. ރެއަލްމެޑްރިޑަށް ތާވަލްގެ ތިންވަނަ ލިބޭއިރު ލިބިފައިވަނީ 48 ޕޮއިންޓެވެ.