ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމަށް، އަނެއްކާވެސް ބިލް ގޭޓްސް އަރާފައިވާކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
ވިޔަފާރީގެ ދާއިރާގެ މަޝްހޫރު މީޑިޔާއެއްކަމުގައިވާ "ބްލޫމްބާގް" އިން ނެރެފައިވާ ބިލިއަނަޔާސް އިންޑެކްސް އިން، އެމޭޒޮންގެ ޖެފް ބީޒޮސްގެ މައްޗަށް އަނެއްކާވެސް މައިކްރޯސޮފްޓުގެ ބިލް ގޭޓްސް ކުރި އަރާފައިވަނީ، ވިޔަފާރީގެ ގޮތުން މައިކްރޯސޮފްޓަށް ކުރިއެރުންތަކެއް ލިބި، އެމޭޒޮން އަށް، ހީނަރުކަމެއް އައުމުންނެވެ.
މައިކްރޯސޮފްޓުގެ ވިޔަފާރިއަށް ކުރިއެރުމެއް އައިސްފައިވަނީ، އެމެރިކާގެ ދިފާއީ ވުޒާރާގެ ބޭނުމަށް ކްލައުޑް ކޮމްޕިއުޓިންގ ސިސްޓަމެއް ތަރައްޤީ ކުރުމުގެ ކޮންޓްރެކްޓެއް، އެކުންފުންޏަށް ލިބިފައިވާތީއެވެ. މިކަމުގެ ސަބަބުން، ގޭޓްސްގެ އަމިއްލަ މިލްކިއްޔާތަށްވެސް، ހަތަރު އިންސައްތައިގެ ކުރިއެރުމެއް އައިސްފައިވެއެވެ.
އަނެއްކޮޅުން، މައިކްރޯސޮފްޓް އަށް ކޮންޓްރެކްޓް ލިބުންކަން އެނގުނު ހިސާބުން ފެށިގެން، އެމޭޒޮންގެ ހިއްސާގެ އަގު، ދެ އިންސައްތަ ވަނީ ދަށްވެފައެވެ.
ދެ އަހަރު ދުވަސްފަހުން، ދުނިޔޭގެ އެންމެ މުއްސަނދި މީހާގެ މަޤާމު ބިލް ގޭޓްސް އަށް ލިބުންއިރު، މި މަޤާމު، ބީޒޮސް އަށް ގެއްލުމުގެ އެންމެ ބޮޑު ސަބަބަކަށް އޭނާގެ ވަރި ހިމެނެއެވެ. މި އަހަރުގެ ޖަނަވަރީ މަހު، ބީޒޮސް އާއި މެކްކެންޒީ ވަރިވެފައިވާއިރު، އެމޭޒޮންގެ ފައިސާގެ ތެރެއިން ހަތަރު ބައިކުޅަ އެއްބައި، ޖުލައި މަހު މެކްކެންޒީ އަށް ލިބިފައިވެއެވެ.




