މެސީ ބާސެލޯނާއާއެކު އާ އެއްބަސްވުމަކަށް!

އާޖެންޓީނާގެ ތަރި ލިއޮނަލް މެސީއާއި ބާސެލޯނާއާއި ދެމެދު އާ އެއްބަސްވުމެއްގެ ވާހަކަ މިހާރުވެސް ދެކެވެމުންދާކަމަށް އެކްލަބުގެ ސްޕޯޓިން ޑިރެކްޓަރު އެރިކް އަބީދާލް ކަށަވަރުކޮށްދީފިއެވެ.

ބާސެލޯނާއާއެކު ދާދިފަހުން މެސީ ހެދި އެއްބަސްވުމެއްގެ ދަށުން ކޮންމެ ސީޒަނެއް ނިމުމަށްފަހު މެސީ ބޭނުންނަމަ ބާސެލޯނާއާއެކު އޭނާ ހަދާފައިވާ އެއްބަސްވުން ނިމުމަކަށް ގެނެވޭނެއެވެ. އެހެންނަމަވެސް މެސީ ބާސެލޯނާގައި މަޑުކުރާނެކަމަށް ބާސެލޯނާއިން ޤަބޫލުކުރެއެވެ.

"މިހާރުވެސް ދަނީ ވާހަކަ ދެކެވެމުން. ފައިނަލްވާނެ ދުވަހެއް ޔަޤީނެއްނުވޭ. އެކަމުން އުންމީދުކުރަނީ މެސީ ކްލަބުގައި މަޑުކުރާނެކަމަށް. އަދި އެކަން ބޭނުންވަނީ ވީހާވެސް އަވަހަކަށް އެއްބަސްވުމަކަށް އާދެވުން." އަބީދާލް ބުންޏެވެ.

މެސީ ބާސެލޯނާއާއެކު މިހާރު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2021 ގައެވެ.

ބާސެލޯނާގައި 18 އަހަރު ހޭދަކޮށްފައިވާ މެސީ ބާސެލޯނާގެ ބޮޑު ޓީމަށް ކުޅެންފެށިފަހުން 15 އަހަރުވީ މިދިޔަމަހުއެވެ. އުމުރުން 17 އަހަރުގައި ބާސެލޯނާގެ ބޮޑު ޓީމަށް ކުޅެންފެށި މެސީ މިހާތަނަށް ބާސެލޯނާއަށް 698 މެޗު ކުޅެދީފައިވާއިރު 600 ލަނޑުވަނީ ކާމިޔާބުކޮށްދީފައެވެ. ބާސެލޯނާއާއެކު މެސީވަނީ 10 ލަލީގާ،4 ޗެމްޕިއަންސް ލީގު އަދި 6 ކޮޕަޑެލްރޭ ކާމިޔާބުކޮށްފައެވެ.

2005 ވަނަ އަހަރުގެ ފަހުން މެސީވަނީ ބާސެލޯނާއާއެކު ހަދާފައިވާ އެއްބަސްވުން 8 ފަހަރެއްގެ މަތިން އާކޮށްފައެވެ. އެންމެފަހުން ބާސެލޯނާއާއެކު މެސީ ހެދި އެއްބަސްވުމުމުގައި ސޮއިކޮށްފައިވަނީ 2017 ވަނަ އަހަރުގެ ނޮވެމްބަރު މަހުއެވެ. މިއެއްބަސްވުމުގެ ދަށުން ސްޕެނިޝް ލަލީގާގައި ހުރި އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާއަށް މެސީވަނީ ވެގެން ގޮސްފައެވެ. ރިޕޯޓްތައް ބުނާގޮތުން މިއެއްބަސްވުމުގެ ދަށުން މެސީއަށް ހަފްތާއަކު 580،000 ޔޫރޯ ލިބެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ