ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞޯލިޙު ރައީސުލްޖުމްހޫރިއްޔާ ގެ މަޤާމާ ޙަވާލުވެވަޑައިގެން، ކޯލިޝަން ސަރުކާރެއް އުފެއްދެވިތާ އެއް އަހަރު ފުރުމުގެ މުނާޞަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާޙިމް މުޙައްމަދު ޞާލިޙްއަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް) އިން ތަހްނިޔާ ވިދާޅުވެއްޖެއެވެ.
އެމްއާރުއެމްއިން މިއަދު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މި އުފާވެރި މުނާސަބަތުގައި، އެ ޕާޓި ގެ އިންތިޤާލި ރައީސް، ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލް ޤައްޔޫމް އާއި އެ ޕާޓީގެ އިންތިޤާލީ ކައުންސިލާއި އަދި އެޕާޓީގެ ލޮބުވެތި މެންބަރުންގެ ނަމުގައި ރައީސުލްޖުމްހޫރިއްޔާއަށް ނުހަނު އިޚްލާޞްތެރި ކަމާއެކު ތަހްނިޔާއާއި މުބާރިކްބާދީ ދަންނަވާކަމަށެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞޯލިޙުގެ ސަރުކާރަކީ އެމް.އާރް.އެމް އަށްވެސް ނިސްބަތްވާ ސަރުކާރަކަށްވުން އެއީ އެޕާޓީއަށް ލިބޭ އުފަލަކާއި ޝަރަފެއްކަމަށާއި އެ މަނިކުފާނުގެ ސަރުކާރަށް އެއްއަހަރު ފުރިގެންދާއިރު، މިއަދު މިވަނީ ވަރަށް ގިނަ ކާމިޔާބީތަކެއް ޙާޞިލްކުރައްވާފައިކަމުގައި އެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.
އެގޮތުން ރާއްޖޭގައި ޞުލްޙަމަސްލަސްކަމާއި އަމަން އަމާންކަން ޤާއިމުކޮށް، ތިންބާރު ވަކިވެފައިވާ ނިޒާމުގެ ތެރެއިން މަސައްކަތްކުރުމާއި، ޖޮއިންޓް މެނިފެސްޓޯގައި ހިމެނޭ ކަންކަން ތަންފީޒުކުރެއްވުމަށްޓަކައި އެ މަނިކުފާނު ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތްޕުޅާއި އަދި ކޯލިޝަންގެ އަސާސްތަކާއި ސިޔާސަތުތައް، ދަމަހައްޓަވާ ޤައުމާއި ރައްޔިތުންގެ ލާބައާއި މަންފާއަށްޓަކައި ކުރައްވަމުން ގެންދަވާ މިންނަތް މަސައްކަތްޕުޅު ފާހަގަ ކުރައްވާފައިވެއެވެ.
މިއަދު ޤައުމުގެ ހުރިހާ ދިމާއަކުންވެސް ފެންނަމުންދަނީ، ކުރިން ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ޤައުމު ވެއްޓިފައިވާ ވަޅުގަނޑުން އަރައިގަނެ، ތަރައްޤީއަށް މިސްރާބު ޖަހާފައިވާ މަންޒަރުކަމަށާއި ތަރައްޤީގެ އެކިއެކި މަޝްރޫއުތަކުގައި ރާއްޖޭގެ ރަށްތައް އިސްތިސްނާ ކުރުމެއް ނެތި ހިމަނުއްވާފައިވާކަން، ރާއްޖޭގެ ރައްޔިތުން ބަލައިގަންނަނީ އުފަލާ އެކުކަމުގައި މި ބަޔާނުގައި ވިދާޅުވެފައިވެއެވެ.
ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ރާއްޖެއާއި ބޭރު ދުނިޔެއާ ދެމެދު އުފެދިފައިވާ ގުޅުން ހީނަރުވެފައިވަނިކޮށް އެގުޅުން އިތުރަށް ވަރުގަދަވަމުން ދާ މަންޒަރު މިއަދު މިދަނީ ފެންނަމުންކަމަށާއި ސަރަހައްދީ ޤައުމު ތަކާއި ދެމެދު އެކުވެރި ގުޅުމެއް ބާއްވަވަމުން ބައިނަލްއަޤްވާމީ ދުނިޔެއަށް ރާއްޖެ ހުޅުވާލެއްވުމާއި އަދި ދިވެހިންނަށް އިތުރު ފަސޭހަތަކެއް ހޯއްދައިދެއްވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ.
ކާމިޔާބުކަމާއެކު ސަރުކާރު ހިންގެވުމުގައި އެމަނިކުފާނު ކުރައްވަމުން ގެންދަވާ ކޮންމެ މަސައްކަތްޕުޅެއްގައި އެމްއާރުއެމްގެ ރައީސް އަދި އެޕާޓީގެ ލޮބުވެތި މެންބަރުންގެ ފުރިހަމަ އެއްބާރުލެއްވުމާއި ތާއީދު އަބަދުމެ ލިބިވަޑައިގަންނަވާނެކަމުގެ ފުރިހަމަ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާއަށް ވަނީ އަރުވާފައެވެ.
ބަޔާން ނިންމަވާލައްވަފައިވަނީ އެމަނިކުފާނުގެ ސަރުކާރަށް އިތުރު ކާމިޔާބުއަހަރުތަކެއް މިންވަރުކުރެއްވުން އެދި ދުޢާކުރަމުންނެވެ.



