ފުޑް އެލާޖީ - ތިހީކުރާ ވަރަށްވުރެ ނުރައްކާތެރި

ހަތަރުލައްކަ ފަންސާސްހާހެއްހާ މީހުންއުޅޭ މިކުޑަކުޑަ ދިވެހިރާއްޖޭގައިވެސް ތަފާތު ވައްތަރުގެ ކާނާއަށް އެލާޖިކްވާ މީހުން މަދެއްނޫނެވެ. އެއްބަޔަކު މަހުގެ ބާވަތްތަކަށް އެލާޖިކްވާއިރު އަނެއްބައިމީހުން އެލާޖިކްވަނީ ބަދަން، ބިސް، ރިހާކުރު ފަދަ ތަކެއްޗަށެވެ.

އަހަރެމެން ދިވެހިންގެ ކެއުމުގެ ބޮޑުބައެއް ބިނާވެފައި އޮންނަނީ މަހުގެ ބާވަތް ތަކަށެވެ. ޚާއްސަކޮށް ކަނޑު މަހުގެ ބާވަތްތަކަށެވެ. ކަންމިހެން އޮތުމާއެކު ދިވެހިންގެ ތެރޭގައި މަޤުބޫލުވެފައިވާ ހުރިހާ ކާނާއެއްހެންވެސް ތައްޔާރު ކުރެވިފައިވަނީ ކޮންމެވެސް ބާވަތެއްގެ މަސް ބޭނުންކޮށްގެންނެވެ. ހިތާމަޔަކީ މިދެންނެވި މަޤުބޫލުކެއުން ކެއުމުގެ ނުވަތަ ރަހަ ބެލުމުގެ ބޭނުމުގައި ފަރުވާ ކުޑަކުރުމަށްފަހުގައި އެއްޗެހި ކާ ޒުވާނުން ދިވެހީންގެ ތެރޭގައި ގިނަވުމެވެ.

އެލާޖިކް ކާނާ ކެއުމުގެ ސީރިއަސްކަން ދާންދޫ ދާއިރާގެ މެންބަރު، އަޙްމަދު އައްސަދުގެ ދަރިފުޅު ފާޠިމަތު އަނާ މިދުނިޔެއާ ވަކިވެދިއުމުގެ ހާދިސާއިން އެނގިގެން އެބަދެއެވެ. ފެބްރުއަރީ މަހުގެ 22 ވަނަ ދުވަހު ފާޠިމަތު އަނާ ނިޔާވީ ރެސްޓޯރެންޓަކުން ސީފުޑް ކައިގެން އެލާޖިކްވެ، ކޯމާއަކަށް ދިއުމުގެ ސަބަބުން އޭޑީކޭ އައިސީޔޫގައި ފަރުވާދެމުންދަނިކޮށެވެ.

ތިމާއަށް ނުވަތަ އާޢިލާގެ މެންބަރަކަށް މިފަދަ ހިތާމަވެރި ދެވަނަ ހާދިސާއެއް ހިނގާކަން ތީގެން ހަމަ އެކަކުވެސް ނޭދޭނެއެވެ. އެކަމަށްޓަކައި އެލާޖިކްވާ މީހެއްނަމަ ތިމާ އެލާޖިކްވަނީ ކޮންކޮން ކަހަލަ ކެއުމަކަށްތޯބަލައި ލިސްޓުކޮށް ކިތަންމެ ކާން ނުވަތަ ރަހަ ބަލަން ބޭނުންވިއަސް މިފަދަ ކެއުންތަކާ ދުރުވާންވީއެވެ.

ފުޑް އެލާޖީގެ މަޢުލޫމާތު ހޯދައި އެކަމުގައި ހުރި ގެއްލުން އަމިއްލައަށް ވިސްނަންވީއެވެ. ރައްޓެއްސެއް ނުވަތަ އާޢިލާ މެންބަރެއް ވަކި ބާވަތެއްގެ ކާނާއަށް އެލާޖިކް ވާނަމަ އެފަދަ ކެއުންތަކާ އެމީހަކު ނުވަތަ ބަޔަކު ދުރުކުރަންޖެހޭނެއެވެ. އެކަމުގައި ހުރި ގެއްލުން ވިސްނައިދެވިދާނެއެވެ. ގެއަށް އެފަދަ ބާވަތްތަކުގެ ކެއުން ނުވެއްދުން ނުވަތަ އެފަދަ މީހުންނާ އެއްތަށިމަތިން ކާއިރު އަނެކާ ކާހިތްވާނެކަމަށްބަލައި ތިމާމީހާވެސް އެފަދަ ބާވަތްތަކުގެ ކެއުން ނުކެއުން، މިހުރީ ކުރެވިދާނެ ކަންތައްތަކެވެ.

އެލާޖިކެއް ވަނީ އިންސާނާގެ އިމިއުން ސިސްޓަމް އަށް "އެލަރޖެން" ނުވަތަ އެލާޖިކް ވާން މެދުވެރިވާ ފަދަ ކާނާއެއް، ބޭހެއް ނުވަތަ ކުނޑި/ހިރަފުސް ޖެހުމުންކަމަށްވާއިރު މިއެލާޖިކުގެ ސަބަބުން އިންސާނާގެ ދިފާއީ ނިޒާމު ބަލިކޮށްލައެވެ.

އާދައިގެ އެލާޖިކެއްގައި ހަށިގަނޑު ހިރުވައި ބިހި ނާގާނެ ކަމަށާއި، މީހާގެ ނޭވައަށް އުނދަގޫވާ ހިސާބަކީ އެލާޖިކްގައި އެންމެ ނުރައްކާވާ ހިސާބު ކަމަށާއި މި ހިސާބުން ނޭވާލުން އެއްކޮށް ބެދޭނެ ކަމަށް އެލާޖިކްގެ ސީރިއަސް ކަމާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އާއްމު ބަލިތަކާއި ބެހޭ ޑޮކްޓަރެއް ކަމަށްވާ ޑޮކްޓަރު އުސާމާ ވިދާޅުވެފައިވެއެވެ.

އަދި އެލާޖިކްގެ އެންމެ ސީރިއަސް ލެވަލްގައި އެނަޕެލަޓިކް ޝޮކް ލިބޭ ހިސާބުން އަވަހަށްފަރުވާ ދޭންޖެހޭ ކަމަށާއި، ނުދެވިއްޖެނަމަ މިހާގެ ފުރާނެދާނެ ކަމަށް ޑޮކްޓަރު އުސާމާ ވިދާޅުވިއެވެ. މިޝޮކްގައި އިންސާނާގެ ލޭގެ ހިނގުން ދަށްވެ، ނޭވާލުމަށް އުނދަގޫވެ ހިތުގެ ވިންދު ވަރަށް ބޮޑަށް ދަށްވެގެންދާނެއެވެ.

އަމިއްލައަށް ފަރުވާކުރުމުގެ އާދަޔަކީ އަހަރެމެން ދިވެހިންގެ ތެރޭގައި އާންމުވެފައިވާ ނުރަނގަޅު އާދައަކަށްވެފައިވާއިރު އެލާޖިކްވާ އެއްޗެއް ކެޔުމަށްފަހު، ބޭސް ކައިގެން ނިދާ މީހުން އަޅުގަނޑުމެންގެ ތެރޭގައި މަދެއްނޫނެވެ.

ނަމަވެސް މިކަމުގައި ހުރި ނުރައްކާކަން ހާމަކުރަމުން މިފަދަ ހާލަތްތަކުގައި ނިދުމަށްފަހު ކޯމާއަށްވެސް ގޮސްފައި އެބަހުރި ކަމަށާއި މިގޮތަށް ކޯމާގައި އޮތުމަށްފަހު ހޭނާރައި ބައެއް މީހުން ދުނިޔެ ދޫކޮށްދާކަމަށްވެސް ޑޮކްޓަރު އުސާމާ ވިދާޅުވިއެވެ.

މިލިޔުން ކިޔާލުމުން
2
ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް