އިންޑިއާގައި މުވައްޒަފުންނަށް ތަމްރީނު ދީ، ޤާބިލްކަން އުފެއްދުމަށް މަސައްކަތްކުރާ މުއައްސަސާއެއް ކަމުގައިވާ "ނެޝަނަލް ސެންޓަރ ފޯރ ގުޑް ގަވަރނަންސް" އިން ކުރިއަށް ގެންދާ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވާ ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުން އިންޑިއާއަށް ގޮސްފިއެވެ.
މިއަދުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށް ކުރިޔަށްގެންދިއުމަށް ހަމަޖެހިފައިވާ މި ޓްރެއިނިންގް ޕްރޮގްރާމްގައި، އެކި އިދާރާތަކުން ސިވިލް ސަރވިސްގެ 31 މުވައްޒަފަކު ބައިވެރިވެއެވެ.
މި ޓްރެއިނިންގ ގައި އިންޑިއާގެ ސިވިލް ސަރވިސް އާ ބެހޭގޮތުންނާއި، އިޤްތިޞާދީ، އިޖްތިމާޢީ، ތިމާވެށި އަދި އެކި އެކި ސިޔާސަތުތަކާ ބެހޭގޮތުން ވަފުދުގެ ބައިވެރިންނަށް މަޢުލޫމާތުދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ތަމްރީނު ދަތުރުގެ ފުރަތަމަ ހަފުތާ މި ބައިވެރިން ހޭދަކުރުމަށް ހަމަޖެހިފައިވަނީ މަސޫރީ، އުއްތަރުކަންޑުގައި ހުންނަ ޝަރަފުވެރި ލާލް ބަހާދުރް ޝާސްތްރީ ނޭޝަނަލް އެކެޑަމީގައެވެ. މި އެކެޑަމީ އަކީ އިންޑިއާގެ ސިވިލް ސަރވިސް މުވައްޒަފުން ތަމްރީނު ކުރުމުގެ މަސްޢޫލިއްޔަތު އަދާ ކުރައްވާ މައި މަރުކަޒެވެ.
މި ވަފުދުގެ އިސްފަރާތެއްގެ ގޮތުގައި ހަރަކާތްތެރިވަނީ މޯލްޑިވިސް ޕޮލިޓެކްނިކް ގެ ޑިރެކްޓަރ އަލްފާޟިލާ މާޖިދާ މަޖީދުއެވެ.




