ޒިޔާއު އާއި އަޝްފާގުފެ ބައްދަލުވުން- ފޮޓޯ: އިނާ އަލީ/ފޭސްބުކް

ދަގަނޑޭގެ ހިތްހެތޮ މެހެމާންދާރީ، ޒިއާގެ ދުލުން!

ދިވެހި ފުޓުބޯޅައިގެ ތާރީޙުގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު(ދަގަނޑޭ)އަކީ ރާއްޖޭގެ ފުޓުބޯޅަ ލެޖެންޑެކެވެ. ފުޓުބޯޅައިގެ މައިދާނުގައި އެންމެންގެ ލޯބި ހޯދައިފައިވާ މި ޝަހުސިއްޔަތާއި ބައްދަލުކޮށްލާ އެކުގައި ފޮޓޯއެއް ނަގާލުމަކީ ހަމަ ކޮންމެ ދިވެއްސެއްގެވެސް ހުވަފެނެކޭ ބުނުމުން ދޮގަކަށްނުވާނެއެވެ. އަދި އެ ހުވަފެން ހަޤީގަތަކަށްވެފައި ވަނީވެސް ވަރަށް މަދުބަޔަކަށެވެ.

އޭގެތެރެއިން އެކަކީ، މޯލްޑިވިއަން އައިޑަލްގެ ސީޒަން ދެއަކުން ވިދާލި، އަބުދުﷲ ޒިޔާއު(ޒިޔާ)އެވެ. ނަމަވެސް ޒިޔާގެ މި ހުވަފެނުގައި ކުލަ ޖެހިގެން ދިޔަ ގޮތް ކިޔައިދެމުން، ދަގަނޑޭއާއި ބެހޭގޮތުން ޒިޔާ ހިއްސާކުރީ މާ އާދަޔާ ޙިލާފުވާހަކައެކެވެ. އަދި މިއީ ދަގަނޑޭގެ މިޒާޖާއި ދިރިއުޅުން ނޭނގޭ ފަރާތަކަށް އާ ވާހަކައެކެވެ.

ޒިޔާއާއި ދަގަނޑޭއާއި ބައްދަލުވިގޮތް، ޒިޔާ ވަނީ އޭނާގެ ފޭސްބުކް އަކައުންޓުގައި ހިއްސާކޮށްފައެވެ. ޒިޔާ ބުނީ، ދަގަނޑޭ އާއި ބައްދަލުކޮށް ފޮޓޯއެއް ނަގާހިތުން އުޅެނިކޮށް، އޭނައަށް ލިބުނު ފުރުސަތެއްގައި، އޭނާދިޔައީ ހަމައެކަނި ދަގަނޑޭއާއެކު ފޮޓޯއެއް ނަގައިގެން އައުމަށް ކަމަށެވެ.

ޒިޔާއު އާއި އަޝްފާގުފެ ބައްދަލުވުން- ފޮޓޯ: އިނާ އަލީ/ފޭސްބުކް

ނަމަވެސް ދަނޑުމަތީގައި އާދަޔާ ޙިލާފު ކުޅުމަށް ދައްކާ ދިވެހިންގެ ލޯބި ހޯދައިފައިވާ ދަގަނޑޭގެ ފަރާތުން ދަނޑު ބޭރުގައިވެސް ފެނިގެންދިޔައީ މުޅިން އާދަޔާހިލާފު ތަފާތު ކަމެއްކަމަށް ޒިޔާ ބުނެފައިވެއެވެ.

"އަޅުގަނޑަށް ގަޑިއަށް ނުދެވުނީމަ ނައިސްގެން ދެފަހަރަކަށް ގުޅި. އެހިސާބުންވެސް ހިތަށްއެރި ތަފާތު މީހެކޭ" ޒިޔާގެ ޕޯސްޓުގައި ލިޔެފައިވެއެވެ.

ދަގަނޑޭއާއެކު ހަމައެކަނި ފޮޓޯއެއް ނަގައިގެން އައުމަށް ދިޔަ ޒިޔާ، ދަގަނޑޭގެ ގެއަށް ދިޔައިރު ފެނުނީ އޭނާ އެއްވެސް ވަރަކަށް އުއްމީދުކޮށްގެން ހުރި މަންޒަރެއް ނޫންކަމަށް ޒިޔާ ބުނެފައިވެއެވެ. އެގޮތުން ދަގަނޑޭއާއި އޭނަގެ އާއިލާ ޒިޔާގެ އިންތިޒާރުގައި ހުރިތަން ފެނުމުން ޒިޔާއަށްވެސް ލިބުނީ ހައިރާންކަމެކެވެ.

."ފެނުނީ އަޝްފާޤުއާއި އޭނަގެ އަނބިކަނބަލުން އަދި ކުދިންނާއި މަންމަ އިންތިޒާރުގައި ހުރިތަން. އެއީ ވަރަށް އެހެންކަހަލަ އިހުސާސެއް ކުރެވުނު ވަގުތުކޮޅެއް." ދަގަނޑޭގެ ތަފާތު ކިޔައިދެމުން ޒިޔާ ބުނެފައިވެއެވެ.

ޒިޔާއު އާއި އަޝްފާގުފެ ބައްދަލުވުން- ފޮޓޯ: އިނާ އަލީ/ފޭސްބުކް

މީގެ އިތުރުން، ޒިޔާއަށް ހާއްސަކޮށް އެގޭގައި ސައިފޮދެއް ތައްޔާރުކޮށްފައި ހުރުމާއި، ދަގަނޑޭގެ ބޭބެއަށް ގުޅާ އެގެއަށް ގެނައުންފަދަ ކަންކަމަކީ ހަމަ އެއްގޮތަކަށްވެސް ދަގަނޑޭ ފަދަ މަޝްހޫރު ޝަހުސިއްޔަތެއްގެ ކިބައިން ފެނިގެންދާނެކަމަށް، ހީކޮށްގެން ހުރި މަންޒަރުތަކެއް ނޫންކަމަށް ޒިޔާ ބުނެފައިވެއެވެ.

ޒިޔާއާއި ދަގަނޑޭގެ މި އުފާވެރި އަދި ޒިޔާއަށް އާދަޔާޙިލާފު ތަޖުރިބާއެއް ކުރެވުނު ބައްދަލުވުމުގެ ފޮޓޯތައް ޒިޔާ މީސްމީޑިއާގައި ހިއްސާކޮށްފައިވާއިރު، މި ދެމީހުން ނަގައިފައިވާ ފޮޓޯތަކުން ދެމީހުންގެ މޫނުމަތިންވެސް ފެނިގެންދަނީ ހިނިތުންވުމާއި އުފާވެރިކަމެވެ.

މިލިޔުން ކިޔާލުމުން
9241
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ