ކުރިއަށް އަހަރުތަކުގައިވެސް މިހާރު ކުޅެމުންދާ ރަނގަޅު ފޯމްގައި ހިފަހައްޓާލެވޭނެކަމަށް އުންމީދުކުރާކަމަށް ބަޔާން މިއުނިކަށް ކުޅެމުން އަންނަ ރޮބާޓް ލެވެންޑޯސްކީ ބުނެފިއެވެ.
އުމުރުން 31 އަހަރުގެ ލެވެންޑޯސްކީއަށް މިސީޒަންއަކީ ވަރަށް ފުރިހަމަ ސީޒަންއެކެވެ. އެގޮތުން މިސީޒަންގައި މިހާތަނަށް ބަޔާނަށް 11 މެޗު ލެވެންޑޯސްކީ ކުޅެދީފައިވާއިރު، 16 ގޯލް ކާމިޔާބުކޮށްދީފައިވެއެވެ.
"މިފޯމަށް އާދެވުނީ ވަރަށް މަސައްކަތުން. އަދިވެސް ބޭނުންވަނީ މިއަށްވުރެވެސް ރަނގަޅު ފޯމަކަށް އަންނަން. އުންމީދުކުރަނީ މިއީ ފެށުމެއްކަމަށް. ކުރިއަށް އޮތްތާވެސް މިގޮތުގައި ހިފަހައްޓާ ލެވޭނެކަމަށް އުންމީދުކުރަން." ލެވެންޑޯސްކީ ބުންޏެވެ.
މިދިޔަ ސީޒަންގެ ބުންޑެސްލީގާގައި ލެވެންޑޯސްކީއަށް ކާމިޔާބު ކޮށްދެވުނީ 22 ލަނޑެވެ. އެހެންނަމަވެސް މިސީޒަންގައި މިހާތަނަށް 11 މެޗު ކުޅުނު ލެވެންޑޯސްކީ މިސީޒަންގައި މިއަދަދު ހަމަކުރަން މިހާރު ބޭނުންވަނީ އެންމެ ހަ ލަނޑެވެ. ލެވެންޑޯސްކީ ބުނެޑެސްލީގާގެ ދެސީޒަނެއްގައި 30 ލަނޑު ޖާހާދީފައިވެއެވެ.
ބުންޑެސްލީގާގެ އިތުރުން މިސީޒަންގެ ޗެމްޕިއަންސް ލީގުގައިވެސް ލެވެންޑޯސްކީގެ ފަރާތުން މޮޅު ކުޅުމެއް މިހާތަނަށް ފެނިފައިވާއިރު، މިސީޒަންގެ ޗެމްޕިއަންސް ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން 6 ލަނޑު ލެވެންޑޯސްކީ ކާމިޔާބުކޮށްދީފައިވެއެވެ.



