"ބޯގަންވިލާ" ގެ ނަމުގައި އައު ޤައުމެއް

އޯޝޭނިޔާ ސަރަޙައްދުގެ ޤައުމެއްކަމުގައިވާ ޕަޕުއާ ނިއު ގިނީގެ އިރުމަތީގައި އޮންނަ، ސަރަޙައްދެއްގައި ވަކި ދައުލަތެއް ޤާއިމް ކުރަން ތައްޔާރުވެއްޖެއެވެ. "ބޯގަންވިލާ" ނަމަކަށް ކިޔާ މި ސަރަޙައްދުގައި ވަކި ދައުލަތެއް ޤާއިމް ކުރުމާމެދު، ރައްޔިތުންގެ މެދުގައި އަންނަ ހޮނިހިރު ދުވަހު ފެންނަ ނުފެންނަ ވޯޓެއް ނަގާނެއެވެ.

އަންނަ މަހުގެ ހަތްވަނަ ދުވަހާ ހަމައަށް، ފެންނަ ނުފެންނަ ވޯޓުގެ ވޯޓުލުން ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މި އިންތިޚާބުގައި ވޯޓުލުމުގެ ޙައްޤު، ދެ ލައްކައަށްވުރެ ގިނަ މީހުންނަށް ލިބިފައިވެއެވެ.

މީގެ އަހަރުތަކެއް ކުރިން މި ސަރަޙައްދުގައިވަނީ ވަރުގަދަ ހަމަނުޖެހުންތަކެއް ހިނގާފައެވެ. ބޯގަންވިލާގެ މިނިވަންކަމަށް ވަކާލާތު ކުރާ ފަރާތްތަކާއި، ނިއު ގިނީގެ ފަރާތްތަކާމެދު ހިނގި ވަރުގަދަ ހަމަނުޖެހުންތައް މަޑުޖެހިފައިވަނީ ދެ ފަރާތުގެ މެދުގައި ވެވުނު އެއްބަސްވުމެއްގެ ސަބަބުންނެވެ. 1989 ވަނަ އަހަރު ހަމަނުޖެހުންތައް ފެށުނުއިރު، ސުލްހައިގެ އެއްބަސްވުމަކާ ހަމައަށް އާދެވިފައިވަނީ 2001 ވަނަ އަހަރުއެވެ.

މި އެއްބަސްވުމުގެ ދަށުން، އެއްބަސްވުމުގައި ސޮއި ކުރާތާ 10 ނުވަތަ 15 އަހަރުގެ ތެރޭގައި، ވަކި ދައުލަތެއް ގާއިމް ކުރުމަށް ފެންނަ ނުފެންނަ ވޯޓެއް ލުމަށް ކަނޑައަޅާފައިވެއެވެ.

ބޯގަންވިލާ ސަރަޙައްދަކީ ވަރަށް ފަގީރު ސަރަޙައްދެކެވެ. ނިއު ގިނީގެ އެހީތެރިކަމަށް ނުވަތަ ބައިނަލްއަޤުވާމީ އެހީއަށް، މުޅި ޤައުމު އޮންނަނީ ބަރޯސާވެފައެވެ. ޤައުމުގެ މީހުންގެ އާއްމު އުމުރަކީ 59 އަހަރުކަމުގައިވާއިރު، ތުއްތުއިރު މަރުވާ ކުދިންގެ އަދަދު ވަރަށް ގިނައެވެ. މި ރޭޓު އުޅެނީ 1000 އިން 74 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ