ދިގުރަށު ހަރުގެއެއްގައި ރޯވެ، މީހަކަށް އަނިޔާވެއްޖެ

އދ. ދިގުރަށުގެ ހަރުގެއެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައި، މީހަކަށް އަނިޔާވެއްޖެއެވެ.

މި ހާދިސާގައި ފިހުނު އުމުރުން 66 އަހަރުގެ މީހާއަށް މިހާރު ދަނީ ދިގުރަށު ސިއްހީ މަރުކަޒުގައި ފަރުވާ ދެމުންނެވެ.

ފުލުހުންގެ ވިދާޅުވީ، ހަރުގޭގައި އަލިފާން ރޯވެގެން އުޅޭ ކަމުގެ މައުލޫމާތު ލިބިފައި ވަނީ މިރޭ 19:04 ގައި ކަމަށާއި، ފުލުހުންނާއި ރަށުގެ ރައްޔިތުން ގުޅިގެން ކުރި މަސައްކަތުން މިހާރު އަލިފާންގަނޑު ނިއްވާލެވިފައިވާ ކަމަށް ވިދާޅުވި އެވެ.

ދިގުރަށު ކައުންސިލުގެ މެމްބަރު އިމްރާން އާދަމް ބައެއް މީޑިއާތަކަށް ވިދާޅުވެފައިވަނީ، ފިހުނު މީހާގެ ހާލު ސީރިއަސް ނޫން ކަމަށާއި، ފުރަތަމަ ރޯވީ އެމީހާ ލައިގެން ހުރި ޓީޝާޓްގައި ކަމަށެވެ.

އިމްރާން މީޑިއާއަށް ވިދާޅުވެފައިވަނީ، އެހާދިސާ ހިނގަން މެދުވެރިވީ، ލަކުޑިތަކެއްގައި ކަޅުތެޔޮ ލުމަށް އުޅުމުގެ ތެރޭގައި، ތެޔޮ ގަނޑުވެފައި ހުރުމުން އެ ދިޔާ ކުރުމަށް ހޫނު ކުރުމުގެ ތެރޭގައި ތެލާ އެކުވެފައި ހުރި ޑީސަލްގައި ރޯވެގެން ކަމަށެވެ.

މި އަލިފާނުގެ ހާދިސާގައި އަލިފާން ރޯވި ހަރުގެ ތެރޭގައި އޮތް ކުޑަ ބޮއްކުރައެއްގައި ރޯވެ އޭގެ ބައެއް ވަރަށް ބޮޑަށް އަނދާފައިވާއިރު، އެސަރަހައްދުގައި ހުރި ރުކެއްގައިވެސް ރޯވެފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ