ހިންދީ ޑްރާމާ ސިލްސިލާތަކުން ދިވެހިންގެ މަގުބޫލުކަންވެސް ހޯދާފައިވާ އެކްޓްރެސް، ހީނާ ޚާންގެ ފުރަތަމަ ބޮލީވުޑް ފިލްމު އަޅުވަން ތައްޔާރުވެއްޖެއެވެ. ފިލްމުގެ މުހިއްމު މަސައްކަތްތައް ނިންމާފައިވާއިރު، ފިލްމު އަޅުވާނެ ތާރީޚުވެސް މިހާރުވަނީ އިއުލާން ކޮށްފައެވެ.
އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހު މި ފިލްމު އަޅުވަން ނިންމާފައިވާއިރު، ފިލްމުގެ ނަމަކީ "ހެކްޑް" އެވެ. ތްރިލަރ ޖޯންރާގެ މި ފިލްމަކީ ސައިބަރކްރައިމްއާ ގުޅުންހުރި ފިލްމެއްކަމަށް މައުލޫމާތު ލިބެއެވެ.
ފިލްމުގެ ޑައިރެކްޓަރު، ވިކްރަމް ބަޓްގެ ދަރިއެއްކަމުގައިވާ ކްރިޝްނާ ބަޓް ވަނީ މި ފިލްމު އަޅުވަން ތައްޔާރުވަމުންދާކަން ހާމަކޮށްފައެވެ. ފިލްމުގެ ސެޓުގައި ނަގާފައިވާ ބައެއް ފޮޓޯތަކާއެކު ޓްވިޓަރ ގައި މިކަން ހާމަކޮށްފައިވެއެވެ. ފިލްމުގެ ފޮޓޯއަކާއެކު ހީނާވެސް ވަނީ މީސް މީޑިޔާގައި ޕޯސްޓެއް ކޮށްފައެވެ. މި ޕޯސްޓުގައި އޭނާ ބުނެފައިވަނީ މިއީ ހީބިހި ނަގައިގެންދާ ވަރުގެ ފިލްމަކަށް ވާނެކަމުގައެވެ.
ސަމީރާ ޚައްނާ ނަމަކަށް ކިޔާ ޒަމާނީ އަންހެނެއްގެ ރޯލުން ހީނާ ފެނިގެންދާއިރު، މި ފިލްމުގެ މުހިއްމު އެހެން ރޯލުތަކުން ފެނިގެންދާ ތަރިންގެ ތެރޭގައި ރޯހަން ޝާހު އާއި މީހިތު މަލޯތުރާ ހިމެނެއެވެ.
ހީނާ، ބެލުންތެރިންގެ މެދުގައި އެންމެ މަޤުބޫލުވީ، ސްޓަރ ޕްލަސް އިން މިހާރުވެސް ދައްކަމުންދާ ޓީވީ ސިލްސިލާއަކުންނެވެ. އެއަށްފަހު ބައެއް ރިއަލިޓީ ޝޯވތަކުންވެސް އޭނާ ފެނިގެންދިޔައިރު، އެކްތާ ކަޕޫރުގެ ކަސޯޓީ ޒިންދަގީ 2 ގެ ކޮމޯލިކާ ރޯލުންވެސް ފުރަތަމަ ފެނުނީ ހީނާ އެވެ.




