ދިވެހިރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގަމުން އަންނަ މަދަނީ ޖަމްޢިއްޔާއެއް ކަމަށްވާ ޖަމްޢިއްޔަތުއް ސަލަފްގެ މައްޗަށް ދޮގު ތުހުމަތުކޮށް އަގު ވައްޓާލަން މަސައްކަތް ކުރަނީ "ހަޑި ސިޔާސީ މަޤްޞަދެއްގައި" ކަމަށް އެ ޖަމްޢިއްޔާއިން ބުނެފިއެވެ.
ޖަމްޢިއްޔަތުއް ސަލަފްގެ މައްޗަށް ބައެއް ފަރާތްތަކުން ކުރަމުންދާ ތުހުމަތުތައް އެ ޖަމްޢިއްޔާއިން ދޮގުކުރާއިރު، ޓެރަރިޒަމަށް ހިތްވަރުދޭ ކަމަށާއި، ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލުމުގެ ފަހަތުގައި އެ ޖަމްޢީއްޔާގެ އަތެއް ވާހަކަމަށްވެސް ދަނީ ތުހުމަތު ކުރަމުންނެވެ.
"ޖަމްޢިއްޔަތުއް ސަލަފް އާއި ގުޅުވައިގެން މި ގެންނަ ދޮގު އިލްތިޒާމްތަކަކީ އެއްވެސް ހަޤީޤަތެއް ނެތް އަދި އޭގެ ފަހަތުގައި ވަރަށް ހަޑި ސިޔާސީ މަޤޞަދުތަކެއްގެ މައްޗަށް ބިނާކުރެވިގެން ކުރާ ކަމެއް." ޖަމްޢިއްޔަތުއް ސަލަފްއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝައިޚް ހަސަން ވިދާޅުވިއެވެ.
ޖަމްއިއްޔަތުއް ސަލަފަކީ 13 އަހަރުވީ ދިގު ތާރީޚްގައިވެސް އެއްވެސް އިރެއްގައި ރާއްޖެއިން ބޭރުގައި ހިނގާ ދާހިލީ ހަނގުރާމަތަކަށް ހިތްވަރުދިން ޖަމްޢިއްޔާއެއް ނޫން ކަމަށާއި، އެކަން އެ ޖަމްއިއްޔާގެ ހަރަކާތްތަކުގެ އޯޑިއޯތަކާއި ވީޑިއޯތައް ބެއްލެވުމުން އެނގޭނެ ކަމަށްވެސް ޝައިޚް ހަސަން ވިދާޅުވިއެވެ.
މި ނޫސްވެެރިންގެ ބައްދަލުވުމުގައި އެ ހަމްއިއްޔާގެ ރައީސް ވިދާޅުވީ، ދޮގު ތުހުމަތުކޮށް ޖަމްއިއްޔާއަށް ގެއްލުން ދިނުމުގެ މަޤަޞަދުގައި ކަންކަން ކުރާނަމަ ދިފާއުގައި މަސައްކަތް ކުރައްވާނެ ކަމަށެވެ.




