ރެއަލްމެޑްރިޑުން ބެންޒެމާއަށް އާ އެއްބަސްވުމެއް ހުށަހަޅަނީ!

ސްޕެއިންގެ ރެއަލްމެޑްރިޑުން އެކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ފޯވާޑު ކަރިމް ބެންޒެމާއަށް އާ އެއްބަސްވުމެއް ހުށަހެޅުމަށް ތައްޔާރުވަމުންދާކަމަށް ރިޕޯޓްތައް ބުނެފިއެވެ.

ރެއަލްމެޑްރިޑާއެކު ބެންޒެމާ މިހާރު ހަދާފައިވާ އެއްބަސްވުން 2021 ގައި ނިމުމަކަށް އަންނާނެއެވެ. ރިޕޯޓްތައް ބުނާގޮތުން ރެއަލްމެޑްރިޑުން ބެންޒެމާއަށް ހުށަހަޅަން އުޅެނީ 2023 ނިޔަލަށް އޮތް އެއްބަސްވުމުކެވެ. އަދި މިއެއްބަސް ވުމުގެ ދަށުން ބެންޒެމާގެ މުސާރަވެސް ބޮޑުވެގެން ދާނެކަމަށް ރިޕޯޓްތައް ބުނެއެވެ. ވޭތުވެދިޔަ އަހަރު ތަކުގައި ރެއަލްމެޑްރިޑްގެ އެންމެ މުހިންމު އެއް ކުޅުންތެރިއެއްގެ ގޮތުގައިހުރި ބެންޒެމާގެ މިހާރު މުސާރަ އެކްލަބުގެ އެހެން ތަރިންނާއި އަޅާބަލާއިރު ކުޑަކަން ފާހަގަ ކޮށްލެވެއެވެ.

ރިޕޯޓްތައް ބުނާގޮތުން އާ އެއްބަސްވުމާއި ގުޅޭގޮތުން ދެފަރާތުން މިހާރުވަނީ ވާހަކަ ދެކެވިފައެވެ. އެހެންނަމަވެސް އަވަސް އަރުވާލާފައި އާ އެއްބަސްވުމަކަށް ދާކަށް ބެންޒެމާ ބޭނުމެއްނުވެއެވެ. ރެއަލްމެޑްރިޑުގައި ދެމިހުރުމަކީ ބެންޒެމާގެ ހުވަފެންކަމުގައި ވީނަމަވެސް، ފިޒިކަލީ ގޮތުންނާއި ހުނަރުގެ ގޮތުން ކްލަބު ބޭނުންވާފަދަ ކުޅުންތެރިއަކަށް ވާން ބެންޒެމާ ބޭނުންވެއެވެ.

އުމުރުން 21 އަހަރުގެ ރެއަލްމެޑްރިޑާއި ގުޅުނު ބެންޒެމާގެ ހުނަރަށް ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް އަބަދުވެސް ތަޢުރީފުކުރެއެވެ. ބެންޒެމާ ރެއަލްމެޑްރިޑަށް ކުޅޭތާ މިހާރު 10 އަހަރު ވެފައިވާއިރު، ބެންޒެމާއަކީ ކްލަބަށް ކިހާ މުހިންމު ކުޅުންތެރިއެއްކަށް ކޮންމެ ސީޒަނެއްގައިވެސް އޭނާ އަންނަނީ ސާބިތުކޮށްދެމުންނެވެ.

މިސީޒަންގައި ބެންޒެމާ ލަލީގާގައި ކުޅުނު 11 މެޗުން 9 ލަނޑު ރެއަލްމެޑްރިޑަށް ކާމިޔާބުކޮށްދީފައިވާއިރު، ޗެމްޕިއަންސް ލީގުގައި ކުޅުނު 4 މެޗުން ދެލަނޑު ކާމިޔާބުކޮށްދީފައިވެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ