ބޭނުންވަނީ ސިޓީގައި މަޑުކުރަން: ގާޑިއޯލާ

މެންޗެސްޓާ ސިޓީއާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތާއި ހަމައަށް އެކްލަބުގައި މަޑުކުރަން ބޭނުންވާކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

މިދިޔަ ސީޒަންތަކާއި ޚިލާފަށް މިސީޒަންގައި ސިޓީގެ ފަރާތުން ދަށް ކުޅުމެއް ފެންނަމުންދާއިރު، ގާޑިއޯލާ ވަރަށް އަވަހަށް މަޤާމު ދޫކޮށްލާނެކަމަށް އަޑު ފެތުރެމުންދާ މިދަނޑިވަޅުގައި ގާޑިއޯލާ ބުނީ، މި އާ ޗެލެންޖެ އޭނާއަށް ވަރަށް ކަމުދާކަމަށާއި، ކުރިއަށް އޮތް ސީޒަންގައިވެސް އޭނާ ކްލަބުގައި މަޑުކުރަން ކްލަބުން ބޭނުންވާނަމަ އޭނާ އެކަމަށް ތައްޔާރަށްހުރިކަމަށެވެ.

" އަހަރެން ސިޓީގައި މަޑުކުރަން ބޭނުން." ގާޑިއޯލާ ބުންޏެވެ.

މީގެއިތުރުން ގާޑިއޯލާ ބުނީ، އެންފީލްޑްގައި ލިވަޕޫލް އަތުން ދަށްވުމުން ނުވަތަ މިސީޒަންގައި ތިން މެޗުން ސިޓީ ދަށްވުމުން މިވަގުތު އޭނާހުރީ ހިތްހަމަ ނުޖެހިފައިކަމަށް މީހުން ދެކެނީ ކީއްވެކަމަށާއި، މިހާރުވެސް އެޕޮސިޒަންގައި އޭނާ ހުރީ އުފަލުންކަމަށެވެ. އަދި އެހެން މީހުންނަށް އޭނާ ނޭނގޭނެކަމަށްވެސް ގާޑިއޯލާވަނީ ބުނެފައެވެ.

ގާޑިއޯލާގެ އިރުޝާދުގެ ދަށުން ކުޅުނު ސިޓީއިން މިދިޔަ ދެސީޒަންގައިވެސް ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާއިރު، 2017-18 ސީޒަންގައި ޕްރިމިއާ ލީގުގައި ހޯދި 100 ޕޮއިންޓާއެކު ޔޫރަޕްގެ ވަރުގަދަ ލީގުތަކުގައި 100 ޕޮއިންޓް ހަމަކުރި ފުރަތަމަ ޓީމަށް ސިޓީވަނީ ވެގެންގޮސްފައެވެ.

މިސީޒަންގައި މިހާތަނަށް ކުޅުނު 12 މެޗުން ލިބުނު 25 ޕޮއިންޓާއެކު ސިޓީ އޮތީ ތާވަލްގެ ހަތަރު ވަނާގައެވެ. އެއްވަނާގައި އޮތް ލިވަޕޫލަށް 12 މެޗުން 34 ޕޮއިންޓް ލިބިފައިވެއެވެ.

އަމިއްލަ ދަނޑުގައި ސިޓީއިން މިރޭ ތާވަލްގެ ތިންވަނާގައި އޮތް ޗެލްސީއާއި ދެކޮޅަށް ނުކުންނައިރު، ފޯރިގަދަ މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ 22:30 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ