އީޕީއެލް - ޗެލްސީ ބަލިކޮށް ސިޓީ ތިންވަނައަށް

އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ޗެލްސީ ބަލިކޮށް މެންޗެސްޓާ ސިޓީއިން ތާވަލްގެ ތިންވަނައަށް ޖެހިލައިފިއެވެ.

އެތިހާދު ސްޓީޑިއަމްގައި ކުޅެވުނު މިމެޗު ސިޓީއިން ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗުގެ 21 ވަނަ މިނަޓްގައި ކާންޓޭ ކާމިޔާބުކޮށްދިން ލަނޑާއެކު ޗެލްސީއިން ލީޑު ނެގިނަމަވެސް މިލީޑު މާގިނައިރު ހިފަހައްޓާލެވޭގޮތްވަނީ ނުވެފައެވެ. އޭގެ 8 މިނަޓްފަހުން ސިޓީއަށް ނަތީޖާ ހަމަހަމަކޮށްފައިވާއިރު، މިލަނޑަކީ ޑިބްރޫނޭގެ ހަމަލާއެއް ޗެލްސީގެ ޑިފެންޑަރު ޒޫމާގެ ގައިގައި މިސްރާބު ބަދަލުވެގެން ގޯލަން ވަތް ލަނޑެކެވެ.

އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން އިތުރު ލަނޑެއްޖަހައި ސިޓީއިން ނަތީޖާ އަނބުރާލިއިރު، ހިތްގައިމު މިލަނޑު އެކްލަބަށް ކާމިޔާބުކޮށްދިނީ މަހްރޭޒްއެވެ.

ރޭގެ މެޗުގައި ފެނިގެންދިޔަ ހުރިހާ ލަނޑެއްވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ.

މެޗުގެ ފަހުކޮޅު ސިޓީގެ ސްޓާލިން އިތުރު ލަނޑެއްޖެހިނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީގެ އެހީގައި މިލަނޑުވަނީ ސްޓާލިން އޮފްސައިޑް ޕޮޒިޝަންއެއްގައި ހުރުމުގެ ސަބަބުން ކެންސަލްކޮށްފައެވެ.

މީގެއިތުރުންވެސް ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ރޭގެ މެޗުގައި ދެޓީމަށްވެސް ލިބިގެން ގޮސްފައިވާކަން ފާހަގަކޮށްލެވެއެވެ. އަދި ޗެލްސީގެ ކީޕަރު ކެޕާގެ ފަރާތުން ގިނަ ސޭވްތަކެއްވެސްވަނީ ފެނިފައެވެ.

މިމޮޅާއެކު ލިބުނު 28 ޕޮއިންޓާއެކު ތާވަލްގެ ތިންވަނައަށް ސިޓީ ޖެހިލިއިރު، ޗެލްސީވަނީ ހަތަރުވަނައަށް ވެއްޓިފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ