ށ. މާއުނގޫދޫއަށް އިސްލާމިކް ސްޓޭޓް (އައިއެސް)ގެ ދިދަ ޖެހި ދޯންޏެއްގައި ބަޔަކު އެރިކަން އެނގިފައި ނުވާކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސް އިން ވިދާޅުވެއްޖެއެވެ.
ފުލުހުން ވިދާޅުވީ، މާއުނގޫދޫއަށް އައިއެސްގެ ދިދަ ޖެހި ދޯންޏެއް އަރާފައިވާކަމުގެ އެއްވެސް މަޢުލޫމާތެއް މިހާތަނަށް ފުލުހުންނަށް ލިބިފައި ނުވާ ކަމަށެވެ.
ފުލުހުން މިހެން ވިދާޅުވިއިރު،، އައިއެސް ދިދަ ޖެހި ދޯންޏެއް އެރަށަށް އެރިކަމަށް، އެރަށު ކައުންސިލްގެ ރައީސް އާއި ހަވާލާދީ ބައެއް ނޫސްތަކުގައި އިއްޔެ ވަނީ ރިޕޯޓްކޮށްފައެވެ.
ފުލުހުން ވިދާޅުވީ، އައިއެސް ޖަމާޢަތުގެ ލޯގޯއާއި އެއްގޮތަށް ކަމަށް ބެލެވޭގޮތަށް ޝަހާދަތް ލިޔެ ސްޕްރޭ ކޮށްފައިވާތީ، އެކަން ހިނގި ގޮތް ބެލުމުގެ މަސައްކަތް ފުލުހުން ކުރަމުންދާ ކަމަށެވެ.
މިކަމާ ގުޅިގެން ސުވާލުކުރުމުން މާއުނގޫދޫ ކައުންސިލްގެ މެންބަރު އާދަމް ސަލީމް މިނޫޙަށް ވިދާޅުވީ، ފާރުތަކުގައި އައިއެސް ލޯގޯ ކުރަހާފައިވަނީ މިދިޔަ ހަފްތާގެ ތެރޭގައި އެރަށަށް އެރި ދޯންޏަކުން އައި ބައެއް ކަމަށާއި، ނަމަވެސް އެ ދޯނީގައި އައިއެސް ދިދަ ނަގާފައި ހުރިކަން އެނގިވަޑައި ނުގަންނަވާ ކަމަށެވެ.
ކައުންސިލް މެންބަރު ވިދާޅުވީ، ފާރުތަކުގައި ލޯގޯ ޖަހަން ބޭނުންކުރި ކަޅު ސްޕްރޭއާއި، ތައްގަނޑު ކަފަން ބޭނުންކުރި ކަޓަރުތިލަ ގަނެފައިވަނީ އެރަށު ފިހާރަކުން ކަމަށް ވިޔަފާރިވެރިން ހެކިވާ ކަމަށާއި، އެކަން ކުރަނިކޮށް އެރަށު މީހުންނަށް ފެނިފައިވާ ކަމަށެވެ.
އެރަށުން ވާހަކަދެއްކި ބައެއް ފަރާތްތަކުން ބުނެފައިވަނީ އެރަށަށް އަރައި ފާރުތަކުގައި އައިއެސްގެ ލޯގޯ ޖަހާފައިވަނީ އަނިޔާކޮށް މީހަކު ކަނޑަށް އެއްލާލި ދޯނީގެ މީހުންނެވެ.




