މެސީ ފެންވަރުގެ ކުޅުންތެރިއަކު ކުރިއަށްއޮތް 40 އަހަރުތެރޭވެސް ނުފެންނާނެ: ގްރިޒްމަން

ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ފެންވަރުގެ ކުޅުންތެރިއަކު ކުރިއަށްއޮތް 40 އަހަރުތެރޭވެސް ނުފެންނާނެކަމަށް އެކްލަބަށް ކުޅެމުން އަންނަ ފްރާންސްގެ ތަރި އެންޓޮއިން ގްރިޒްމަން ބުނެފިއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި އެތުލެޓިކޯ މެޑްރިޑް ދޫކޮށް ބާސެލޯނާއާއި ގުޅުނު ގްރިޒްމަންއަށް އެކްލަބާއެކު އުނދަގޫ ފެށުމަކާއި ކުރިމަތި ލާންޖެހިފައިވާއިރު، މަޑު މަޑުން އޭނާ އަންނަނީ ޓީމަށް ހޭނެމުންނެވެ. އެންމެ ބޮޑަށް ފާހަގަވަނީ ދަނޑުމަތީގައި ކުޅުންތެރިންނާއި ގްރިޒްމަންއާއި އޮންނަ ގުޅުން ކުޑަކަމެވެ. ގްރިޒްމަންއަށް ކުޅުންތެރިން އަދިވެސް ދަސްނުވަނީއެވެ.

އެހެންނަމަވެސް ގްރިޒްމަންއާއި ސުއަރޭޒްގެ އިތުރުން މެސީއާއި ދެމެދުވެސް އޮންނަ ގުޅުން ދަނޑުންބޭރުގައިވެސް ރަނގަޅުކަމަށް ގްރިޒްމަންވަނީ ބުނެފައެވެ. މިއީ ހަމަގައިމުވެސް ބާސެލޯނާ ސަޕޯޓަރުންނަށް އުފާވެރި ޚަބަރެކެވެ. އެއީ މިކަމުގެ ސަބަބުން ކުޅުންތެރިން ރަނގަޅަށް ދަސްވުން އަވަސްވާނެކަމަށް ބެލެވޭތީއެވެ.

"އަހަރެމެން ގުޅުން ދަނޑުން ބޭރުގައިވެސް ރަނގަޅު. އަދި އަންނަނީ ރަނގަޅުވަމުން. މިކަމުގެ އަސަރު ދަނޑުމަތިންވެސް ފެންނާނެކަމަށް އުންމީދުކުރަން." ގްރިޒްމަން ބުންޏެވެ.

މީގެއިތުރުން ގްރިޒްމަން ބުނީ، އޭނާއަކީ މީހުންނާއި އެހާވަރަށް ވާހަކަ ދައްކާ މީހެއް ނޫންކަމަށާއި، ނަމަވެސް ސުއަރޭޒް އަދި މެސީއާއެކު ވަގުތުތައް ހޭދަކޮށް އެކުޅުންތެރިން މިހާރު ދަސްވަމުން ދާކަމަށެވެ. އަދި މިތިން ކުޅުންތެރިން އެކުގައި ރޭގަނޑުގެ ކެއުމަކަށް 'ޑިނަރ' އަކަށް ގޮސްފައިވާކަމަށްވެސް ގްރިޒްމަން ބުންޏެވެ.

މެސީގެ ހުނަރާއި ބެހޭ ގޮތުން ވާހަކަ ދައްކަމުން ގްރިޒްމަން ބުނީ، މެސީ ފެންވަރުގެ ކުޅުންތެރިއަކު ކުރިއަށްއޮތް 40 އަހަރުތެރޭވެސް ނުފެންނާނެކަމަށެވެ. އަދި މެސީ ދައްކަމުންދަނީ މުޅިން ތަފާތު މޮޅު ކުޅުމެއްކަމަށް ގްރިޒްމަން ބުނެފައިވާއިރު، މެސީ ކުޅޭތަން ފެނުމަކީ ލިބުނު ބޮޑު އުފަލެއްކަމަށްވެސް ގްރިޒްމަންވަނީ ބުނެފައެވެ.

ގްރިޒްމަން ބާސެލޯނާއާއެކު 5 އަހަރުގެ އެއްބަސްވުމެއް ހަދާފައިވާއިރު، އޭނާ ބާސެލޯނާގައި 2024 ގެ ޖޫން 30 އާއި ހަމައަށް ހުންނާނެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ