ޔޫއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށް ނުކުންނަ މެޗަށް ކްރިސްޓިއާނޯ ރޮނާލްޑޯ ފިޓްވާނެކަމަށް އުންމީދުކުރާކަމަށް ޔުވެންޓަސްގެ ކޯޗު މައުރީޒިއޯ ސާރީ ބުނެފިއެވެ.
ޔުވެންޓަސްގެ ފަރިތަކުންތަކުގައި ރޮނާލްޑޯ ބައިވެރިވާން ފައްޓާފައިވާއިރު އެތުލެޓިކޯ މެޗުގެ ކުރިން އޭނާގެ ފިޓްނަސް ބަލާނެކަމަށް ސާރީ ބުންޏެވެ.
"ޓީމާއެކު ފަރިތަކުރުންތަކުގައި ރޮނާލްޑޯ ބައިވެރިވެފައިވޭ. ހީވާގޮތުން އެތުލެޓިކޯ މެޗަށް ރޮނާލްޑޯ ފިޓްވާނެ. އުންމީދުކުރަނީވެސް އެގޮތަށް." ސާރީ ބުންޏެވެ.
ރޮނާލްޑޯ އާއި ސާރީގެ ގުޅުން އެހާ ރަނގަޅު ނޫންކަމަށް ރިޕޯޓްރތައް ބުނާއިރު، މިމައްސަލަ ފެންމަތިވެފައިވަނީ ޖެހި ޖެހިގެން ދެމެޗުގައި ރޮނާލްޑޯ ބަދަލުކުރުމުން ކަމަށްވެސް ރިޕޯރޓްތަކުގައިވެއެވެ. އެގޮތުން ދެވަނަ މެޗުގައި ރޮނާލްޑޯ ބަދަލުކުރުމުން ބެންޗަށް ނުގޮސް ސީދާ ޓަނަލްއަށް ގޮސްފައިވާއިރު، މެޗު ނިމުމުގެ ރޮނާލްޑޯ ދަނޑު ދޫކޮށް ދިޔަކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

އެހެންނަމަވެސް މިމައްސަލާގައި ސާރީ ބުނީ އޭނާއާއި ރޮނާލްޑޯއާއި ދެމެދު އޮންނަ ގުޅުން ރަނގަޅުކަމަށާއި، ކުޅުންތެރިއަކު ބަދަލުކުރުމުން އެކަމާ ހިތްހަމަ ނުޖެހުން ފާޅުކުރުމަކީ ރަނގަޅު ފާލެއްކަމަށެވެ.
ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރަށް މިހާރުވެސް ޔުވެންޓަސް ދަތުރުކޮށްފައިވާއިރު، މިރޭ އެތުލެޓިކޯގެ މައްޗަށް ކުރިހޯދައިގެން ގްރޫޕް ޑީ ގެ އެއްވަނަ ކަށަވަރުކުރުމުގެ ފުރުޞަތު ޔުވެންޓަސްއަށް އެބައޮތެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖެ ގަޑިން 01:00 ގައެވެ.




