ދިވެހިރާއްޖޭގައި ހަރަކާތްތެވިވަމުން އަންނަ އައިއެސްއަށް ނިސްބަތްވާ މީހުންނަށް ބާރު ދިނީ އެމްޑީޕީން ކަމުގައި ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސައީދު ވިދާޅުވެއްޖެއެވެ.
ޝަމީހް މެހެން ވިދާޅުވެފައި މިވަނީ ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅުން އޮތް ކަމަށް ބުނެ އެ ބޭފުޅާއަށް ފިޔަވަޅު އެޅުމަށް މިއަދުގެ މަޖިލީހުގައި ފާސްކޮށްފައިވަނިކޮށެވެ.
ޝަހީމް ވިދާޅުވީ ރާއްޖޭގައި ތިބި އައިއެސްއަށް ނިސްބަތްވާ މީހުންނާއި ޑޮޓް މީހުންނަށް ސިޔާސީ ގޮތުން ބާރު ދިރީ އެމްޑީޕީ އިން ކަމަށެވެ. އަދި ރާއްޖޭގައި ވަކިން ޖަމާޢަތް ހަދައިގެން ނަމާދުކޮށް އެތައް އަހަރެއް ވަންދެން ހިންގި ހަރުކަށި ޢަމަލުތައް ހުއްޓުވުމަށް ކުރީގެ ސަރުކާރުތަކުން މަސައްކަތް ކުރައްވަމުން ދިޔަ އިރު އެކަމަށް ހުރަސް އެޅީވެސް އެމްޑީޕީ ކަމަށެވެ.
މީގެ އިތުރުން ޝަހީމް ވިދާޅުވެފައިވަނީ ޖަލުތަކުގައި ބަންދުކޮށްފައި ތިބި ހަރުކަށި ފިކުރުގެ ބޮޑެތި މީހުން އެންމެ ފުރަތަމަ ދޫކޮށްލީ ރައީސް ނަޝިދުގެ ވެރިކަމުގައި ކަމަށާއި، ރާއްޖޭގައި ޖިހާދީ ވިސްނުމުގެ ބިންގާ އެޅީ އެމީހުންކަމަށެވެ. "އެމީހުން ޖަލުން ނެރުނީ ސީދާ ނަޝީދު އަންގައިގެން 2008 އާއި 2011 އާއި ދެމެދުގަ" ޝަހީމް ވިދަލުވެފައިވެއެވެ.
ޑރ. އަފްރާޝީމް ޢަލީގެ މަރާއި ގުޅުވައި ޝަހީމްއަށް ކުރާ ތުހުމަތުތައް އެމަނިކުފާނު ވަނީ ދޮގު ކުރައްވާފައެވެ. ސަލަފްއަށާއި ދީނީ އިލްމުވެރިންނަށް ފިޔަވަޅު އަޅަނީ ރާއްޖޭގައި އިސްލާމްދީނުގެ ދަޢުވަތު ހުއްޓުވުމަށް ކަމަށް ވިދާލުވެ ގިނަ ދީނީ ޢިލްމުވެރިން ދަނީ އަޑު އުފުލަމުންނެވެ.