ފުލުހުންގެ ބަންދުގައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އައިޖީއެމް ހޮސްޕިޓަލަށް ގެނެސްފިއެވެ.
މަނީ ލޯންޑަރިންގެ މައްޗަށް ކޮށްފައިވާ ދައުވާއާ ގުޅިގެން، އެ މައްސަލައިގެ އަޑުއެހެން ނިމެންދެން ރައީސް ޔާމީން ހައްޔަރުގައި ބެހެއްޓުމަށް އަމުރު ކޮށްފައި ވަނީ، ދައުލަތުގެ އެދުމަށް ކްރިމިނަލް ކޯޓުންނެވެ.
އެނގިފައިވާ ގޮތުގައި މިރޭ ރައީސް ޔާމީން އައިޖީއެމްއެޗަށް ގެނެސްފައި ވަނީ ރޫޓީން ޗެކަޕަކަށެވެ.
ރައީސް ޔާމީން ހައްޔަރުގައި ބަހައްޓަވައިގެން ޝަރީއަށް ކުރިއަށް ގެންދިޔުމަކީ ގާނޫނު އަސާސީއާ ހިލާފް ކަމެއް ކަމަށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައިވާއިރު، އެ ކޯލިޝަނުން ބުނެފައި ވަނީ މި ސަރުކާރުން ރައީސް ޔާމީނަށް އަނިޔާވެރިވާ ކަމަށެވެ.
ޔާމީންގެ ހައްޔަރުކޮށްފައިވާތީ، އެކަމާ ކަންބޮޑުވުން ފާޅުކޮށް ޕްރޮގްރެސިވް ކޯލިޝަނުގެ މެންބަރުން ރައީސް ޞޯލިޙްއާވެސް ބައްދަލުކޮށްފައިވާއިރު، އެކަމުންވެސް އެދެވޭ ހައްލެއް ލިބިފައި ނުވާކަމަށް އެފަރާތްތަކުން ވަނީ ވިދާޅުވެފައެވެ.