އެމްޑީޕީ މަޖިލިސް ޕްރައިމަރީން ބަލިވި ހަތަރު ކެންޑިޑޭޓެއް އަމިއްލަ ގޮތުން މަޖިލީސް އިންތިހާބަށް ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ފޯމް ހުށަހަޅުއްވައިފިއެވެ.
މަޖިލިސް އިންތިހާބުގައި ޕާޓީ ޕްރައިމަރީން ބަލިވި ފަރާތްތަކަށް މަޖިލީސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ސްޕްރީމް ކޯޓުން ކުރި ހުކުމާއި ގުޅިގެން ހުޅުވާލި ފުރުޞަތު މިއަދު ހަވީރު 04:00 އަށް ހަމަވެފައިވާއިރު، އެ ފުރުޞަތުގައި އެމްޑީޕީގެ ކެންޑިޑޭޓުންގެ ތެރެއިން އިންތިޚާބުގައި ވާދަކުރަން ހުށަހެޅީ 4 ކެންޑިޑޭޓުން ކަމަށް އީސީގެ ރައީސް އަޙްމަދު ޝަރީފް ވިދާޅުވިއެވެ.
ޔަގީން ކަމާއެކު އިންތިހާބަށް ވާދަކުރާނެކަން ފާޅުކޮށް އިއުލާން ކޮށްފައި ވަނީ ދެ ބޭފުޅުންނެވެ. އެއީ ހެންވޭރު ދެކުނު ދާއިރާއަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގަތް، މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ) އާއި ކާށިދޫ ދާއިރާ އަށް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގަތް އަބްދުﷲ ޖާބިރެވެ.
މަޖިލިސް އިންތިޚާބުގެ ކެންޑިޑޭޓުންގެ ކެންޑީޑޭޓް ނަންބަރު ތަރުތީބުކުރުން މިރޭ އޮންނާނެއެވެ.