ކަމެއް ޙާސިލްނުވާ ނުވަތަ ކާމިޔާބުނުވާ ކޮންމެ ފަހަރަކު ބަހަނާ ދައްކައިގެން އެކަމުން ސަލާމަތްވާން މަސައްކަތްކުރުމަކީ ހުރިހާ އިންސާނުންގެވެސް އާދައެކެވެ. އެގޮތުން މިފަހަރު މިއޮތީ ލިވަޕޫލްގެ ކޯޗުގެ ޔާގެން ކްލޮޕްގެ ވާހަކައެވެ.
ލިވަޕޫލް ދަށްވާ ކޮންމެ ފަހަރަކު ކޯޗު ޔާގެން ކްލޮޕްގެ ވާހަކަތައް ހުންނަ ގޮތުން ކްލޮޕްއަކީ ބަހަނާ ދެއްކުމަށް އަރާހުރި މީހެކޭވެސް ބުނެވިދާނެއެވެ. އެންމެ ފަހުން ކުޅުނު މެޗުގައި އެވަޓަންއާ އެއްވަރުވުމުން ލިވަޕޫލްވަނީ ތާވަލުގެ ދެވަނައަށް ވެއްޓިފައެވެ. ސިޓީ ލިވަޕޫލަށްވުރެ ކުރީގައި އޮތީ އެންމެ ޕޮއިންޓެއްގެ ތަފާތާއެކުގައެވެ.
ކްލޮޕްގެ ފާހަގަކޮށްލެވޭ 7 ބަހަނާއަށް ބަލާލަމާ ހިނގާށެވެ.
- ވައި
އާދިއްތަ ދުވަހު ލިވަޕޫލް އެވަޓަންއާ ބައްދަލުކޮށް ލަނޑެއްނުޖެހި އެއްވަރުވި މެޗަށްފަހު ކްލޮޕް ބަހަނާއަކަށް މޫސުމުގެ ވާހަކަ ދެއްކިއިރު އާދިއްތަ ދުވަހު ސްޓޯމް ފްރެޔާ އިނގިރޭސިވިލާތަށް އަރާފައިވަނީ ގަޑިއަކު 80 މޭލު ބާރުމިނުގައެވެ. މެޗަށްފަހު ވާހަކަ ދައްކަމުން ކްލޮޕް ބުނީ މިވާހަކަ ދެއްކީމަ މީހުން ހިތްހަމަނުޖެހުނަސް މެޗު އުނދަގޫވީ ވަޔާހެދިކަމަށެވެ. ހުރިހާ ދިމާލަކުންވެސް ވައި އަންނަ ކަމަށް އެމެޗަށްފަހު ކްލޮޕް ބުނެފައިވެއެވެ.
2. ލިވަޕޫލް ދަނޑު (އެންފީލްޑް)
2017 ވަނަ އަހަރު އެންފީލްޑްގައި 0-0 ސައުތުހެމްޓަންއާ އެއްވަރުވި މެޗަށްފަހު އެދުވަހު ކްލޮޕް ބުނެފައިވަނީ ދަނޑު އޮތީ ވަރަށް ހިކިފައިކަމަށެވެ. އެދުވަހު އެމީހުން އަތުގައި ހުރި ހުރިހާ ފެނެއް ޖަހައި ދަނޑު ތެންމި ނަމަވެސް ވައިގެ ސަބަބުބް އެންމެ ފަނަރަވަރަކަށް މިނަޓްތެރޭ ދަނޑު ހިއްކާލިކަމަށް ކްލޮޕް ބުންޏެވެ.
3. ވައި (އަނެއްކާވެސް)
އީއެފްއެލް ކަޕްގައި 0-1 ގެ ނަތީޖާއަކުން ސައުތުހެމްޓަން އަތުން ބަލިވި މެޗަށްފަހުވެސް ބަހަނާއަކަށްވީ ވައެވެ. މިދުވަހު މެޗަށްފަހު ކްލޮޕް ބުނީ މެޗުގެ ފުރަތަމަ ހާފު ވަރަށް އުނދަގޫވި ކަމަށާއި އާދަޔާ ޚިލާފު ވައިގެ ސަބަބުން ބޯޅަ ގެންގުޅެން އުނދަގޫވިކަމަށެވެ.
4. ސްނޯ
ޖެނުއަރީމަހު ލެއިސެސްޓާ ސިޓީއާއެކު ކުޅެ މުހިންމު ޕޮއިންޓް ކޮޅެއް ގެއްލުނު މެޗަށްފަހު އެދުވަހު ހުރިހާވެސް މައްސަލައަކީ ސްނޯކަމަށާއި ބޯޅަ ރަނގަޅަށް ރޯލްވެސް ނުކުރާކަމަށް ކްލޮޕް ބުނެފައިވެއެވެ.
5. ރެފްރީ
މެޗަށްފަހު މެޗު އޮފިޝަލުންގެ ބޮލުގައި ދަށްވުމުގެ ޒިންމާ އެޅުވުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ނަމަވެސް މިދިޔަ މަހު ވެސްޓްހާމް ޔުނައިޑާ ކުޅެ 1-1 އެއްވަރުވި މެޗަށްފަހު އެމެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްއިން ޖެހި ލަނޑު އޮފްސައިޑްކަމަށް ރެފްރީ ނިންމިނަމަވެސް ދެވަނަ ހާފުގައި ރެފްރީ ޢަމަލުތައް ހުރިގޮތުން ފުރަތަމަ ހާފު އެޖެހި ލަނޑު އޮފްސައިޑް ނުވާކަން ދޭހަވާކަމަށް ކްލޮޕް ބުނެފައިވެއެވެ.
6. މެންޗެސްޓަރ ޔުނައިޓެޑްގެ އިންޖަރީ
އެންޖަރީވެފައި އޮތް ޔުނައިޓެޑްގެ މައްޗަށް ފެބްރުއަރީމަހު ކުރި ނުހޯދުނު މެޗަށްފަހު ކްލޮޕްބުނީ ޔުނައިޓެޑްގެ އެންމެން ހަމައިރު ޔުނައިޓެޑަށްވުރެ ލިވަޕޫލް ގަދަކަމަށާއި ނަމަވެސް އެރޭ އެޓީމުގެ މުހިންމު ކުޅުންތެރިން އިންޖަރީގައި ހުރުމުން ޔުނައިޓެޑްގެ ފަރާތުން ފެނުނު ހިތްވަރުގެ ސަބަބުން މޮޅުނުވެވުނީ ކަމަށެވެ.
7. ކްލޮޕް
ތަފާތު ބަހަނާ ދައްކާ ކްލޮޕް މެޗުން ޓީމު ބަލިވީ އޭނާގެ ސަބަބުންކަމަށްވެސް އެއްބަސްވެފައި އެބަހުއްޓެވެ. އެގޮތުން މިސީޒަންގެ ކުރީކޮޅު ޗެމްޕިއަންސް ލީގުގައި ނަޕޯލީ އަތުން ދަށްވި މެޗުގައާއި 2017 ވަނަ އަހަރު ވޯލްވްސްއާ ބައްދަލުކޮށް އެފްއޭކަޕުން ކެޓި މެޗަށްފަހު އެދުވަހު މެޗުންދައްވީ އޭނާއަށް ހެދުނު ގޯސްތަކުގެ ސަބަބުންކަމަށް ކްލޮޕް އެއްބަސްވިއެވެ.



