ރަތް ރޮނގު ހުރަސްކޮށްފިކަމުގައިވާނަމަ، އެމެރިކާއާއި އެޤައުމުގެ ބައިވެރިން ނައްތާލާނެކަމުގެ އިންޒާރު، އީރާނުގެ ރިވޮލިއުޝަނަރީ ގާޑުގެ ވެރިޔާ ވިދާޅުވެއްޖެއެވެ.
އީރާނުގައި ކުރި މުޒާހަރާތަކަށްފަހު، އެޤައުމުގެ ސަރުކާރަށް އޮތް ތާއީދު ދެއްކުމުގެ ގޮތުން ބޭއްވި އެއްވުމެއްގައި ތަގުރީރު ކުރައްވަމުން ރިވޮލިއުޝަނަރީ ގާޑުގެ ވެރިޔާ ޖެނެރަލް ޙުސައިން ސަލާމީ މިހެން ވިދާޅުވިރު، އޭނާވަނީ އެމެރިކާއަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ.
އެގޮތުން، އީރާނުގައި ކުރި މުޒާހަރާތަކުގެ އަޑީގައި ތިބީ އެމެރިކާއާއި، އެޤައުމަށް ވާގިވެރިވާ ޤައުމުތައްކަމުގައި އޭނާ ވަނީ ތުހުމަތު ކުރައްވާފައެވެ. އެގޮތުން، އިނގިރޭސިވިލާތާއި، އިސްރާއިލު އަދި ސައުދީ އަރަބިޔާ އިން، މިކަމުގެ އަޑީގައި އޮތްކަމަށް ތުހުމަތު ކުރެއްވިއެވެ.
އީރާނުގެ ވެރިރަށް ތެހެރާނުގެ އިންޤިލާބީ މައިދާނަށް އެއްވެ ތިބި މީހުން އިއްޔެ ވަނީ އެމެރިކާއާއި ދެކޮޅަށް އަޑު އުފުލާފައެވެ. ހަމައެހެންމެ، އެފަރާތްތަކުން ވަނީ އިސްރާއިލާ ދެކޮޅަށްވެސް ވަރަށް ގަދައަށް އަޑު އުފުލާފައެވެ.
އެޤައުމުގައި ބޮޑެތި މުޒާހަރާތަކެއް ކޮށްފައިވަނީ ތެލުގެ އަގާ ގުޅިގެންނެވެ. މުޒާހަރާތައް ހޫނުވެ، މުޒާހަރާގެ ބައިވެރިންނާއި، ސަލާމަތީ ބާރުތަކާ ދެމެދުވަނީ ކުރިމަތިލުންތަކެއްވެސް ހިނގާފައެވެ. އެމްނެސްޓީ އިންޓަނޭޝަނަލް އިން ބުނާގޮތުގައި، މި މުޒާހަރާތަކުގެ ތެރެއިން 146 މީހުން މަރުވެފައިވެއެވެ.