ޔޫސީއެލް މެޗެއްގައި އެންމެ އަވަހަށް 4 ލަނޑު ހަމަކުރި ކުޅުންތެރިއަކަށް ލެވެންޑޯސްކީ

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ބަޔާން މިއުނިކް އިން ރެޑްސްޓާ ބެެލްގްރޭޑް ފަސޭޙަކަމާއެކު ބަލިކުރިއިރު، ޗެމްޕިއަންސް ލީގު މެޗެއްގައި އެންމެ އަވަހަށް 4 ލަނޑު ހަމަކުރި ކުޅުންތެރިއަކަށް ރޮބާޓް ލެވެންޑޯސްކީ ވެއްޖެއެވެ.

6-0 ގެ ނަތީޖާއަކުން ބަޔާން ކާމިޔާބުކުރި މިމެޗުގައި ލެވެންޑޯސްކީވަނީ 14 މިނަޓާއި 31 ސިކުންތުތެރޭ ހަތަރު ލަނޑުޖަހާފައެވެ. އަދި ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖްގައި ޖެހިޖެހިގެން ނުވަމެޗުގައި ލަނޑުޖެހި ދެވަނަ ކުޅުންތެރިއަކަށްވެސް އޭނާވަނީ ވެގެން ގޮސްފައެވެ.

މިސީޒަންގައި ކުޅުނު ޗެމްޕިއަންސް ލީގު ފަސް މެޗުން 10 ލަނޑު ލެވެންޑޯސްކީ ކާމިޔާބުކޮށްދީފައިވެއެވެ. މިސީޒަންގައި ބަޔާންނަށް ކުޅެދިން 20 މެޗުން ލެވެންޑޯސްކީވަނީ 27 ލަނޑު ކާމިޔާބުކޮށްފައެވެ.

2005 ވަނަ އަހަރު ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނުކުމެ 9 މިނަޓުތެރޭ 5 ލަނޑު ލެވެންޑޯސްކީ ކާމިޔާބުކޮށްދިންއިރު، އޭނާވަނީ ބުންޑެސްލީގާ މެޗެއްގައި އެންމެ އަވަހަށް ފަސް ލަނޑު ޖެހި ކުޅުންތެރިޔާއަށް ވެގެންގޮސްފައެވެ.

ބަޔާންގެ އަނެއް ދެލަނޑު ޖަހާދީފައިވަނީ ލިއޮން ގޮރެޒްކާ އަދި ކޮރެންޓިން ޓޮލީސޯއެވެ. ޗެމްޕިއަންސް ލީގު ގްރޫޕް ސްޓޭޖްގައި މިހާތަނަށް ކުޅުނު 5 މެޗުވެސް ބަޔާންއިން ކާމިޔާބުކޮށްފައިވާއިރު، ބަޔާންވަނީ ގްރޫޕް ބީ ގެ އެއްވަނަ މިހާރުވެސް ކަށަވަރުކޮށްފައެވެ. ގްރޫޕް ސްޓޭޖު ފަހު މެޗުގައި ބަޔާން ނުކުންނާނީ ގްރޫޕްގެ ދެވަނާގައި އޮތް ޓޮޓޭންހާމްއާއި ދެކޮޅަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ