ޔޫސީއެލް - ޕީއެސްޖީ ކޮޅަށް ލަނޑުޖެހި ފުރަތަމަ ކުޅުންތެރިއަކަށް ބެންޒެމާ

މިސީޒަންގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި ޕީއެސްޖީ ކޮޅަށް ލަނޑުޖެހި ފުރަތަމަ ކުޅުންތެރިއަކަށް ކަރިމް ބެންޒެމާ ވެއްޖެއެވެ.

ސައުންޓިއާގޯ ބާނަބޯގައި ރޭ ޕީއެސްޖީއާއި ދެކޮޅަށް ރެއަލްމެޑްރިޑު ކުޅުނު މެޗުގައި ބެންޒެމާވަނީ ޕީއެސްޖީ ކޮޅަށް ދެލަނޑު ޖަހާފައެވެ. ބެންޒެމާގެ މިދެލަނޑާއެކު ރެއަލްމެޑްރިޑުން މެޗުގެ ފަހު ދިހަމިނަޓާއި ހަމައަށް ލީޑުގައި އޮތްނަމަވެސް ޕީއެސްޖީންވަނީ ފުލުފުލުގައި ދެލަނޑު ޖަހާ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.

81 ވަނަ މިނަޓްގައި އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑާއެކު ޕީއެސްޖީއަށް ހިތްވަރު ލިބިގެންދިޔައިރު، އެކްލަބުން އޭގެ ދެމިނަޓްފަހުން ނަތީޖާ ހަމަހަމަކުރީ ޕަބްލޯ ސަރާބިއާގެ ލަނޑުންނެވެ. މިނަތީޖާއާއެކު މެޗު ނިމިގެން ގޮސްފައިވަނީ 2-2 އަކުން ދެޓީމު އެއްވަރުވެގެންނެވެ.

ރެއަލްމެޑްރިޑްގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނިގެންދިޔަ މިމެޗުގައި ޕީއެސްޖީގެ ކީޕަރު ނަވާސްވަނީ އެތަށް ފަހަރަކު ރެއަލްމެޑްރިޑް ހުއްޓުވާފައެވެ. ޗެމްޕިއަންސް ލީގުގައި މީގެކުރިން ކުޅުނު ހަތަރު މެޗުވެސް ބައިކޮޅަށް ލަނޑެއް ނުވަދެ ޕީއެސްޖީ ނިންމާލާފައިވާއިރު، ނަވާސްވަނީ ބައިކޮޅަށް ލަނޑެއް ނުވަދެ 376 މިނަޓް ހަމަކޮށްފައެވެ.

ފައިގެ ކުޑަ ހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ހަޒާޑުވަނީ މެޗުގެ 69 ވަނަ މިނަޓްގައި ބަދަލުކޮށްފައެވެ. ބަދަލުގައި ބޭލް ކުޅެން ނުކުތްއިރު، މެޗުގެ އިތުރު ވަގުތުގައި އޭނާ ޖެހި ހިލޭ ޖެހުމެއް ގޯލް ދަނޑިއާއި އަމާޒުވެފައިވެއެވެ.

މިނަތީޖާއާއެކު ޕީއެސްޖީއިންވަނީ ގްރޫޕް އޭ ގެ އެއްވަނަ ކަށްވަރުކޮށްފައެވެ. އަދި ރެއަލްމެޑްރިޑަށް ލިބެނީ ގްރޫޕްގެ ދެވަނައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ