ގދ. ރަތަފަންދޫގައި ހިނގި ސިލްސިލާ ގްރޫޕް މާރާމާރީތަކަކާއި ގުޅިގެން 8 މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، 2019 ނޮވެމްބަރު 24 ވަނަ ދުވަހު ރަތަފަންދޫގައި ގްރޫޕް މާރާމާރީއެއް ހިނގާފައިވާ ކަމަށާއި، އެ މާރާމާރީގައި 4 މީހަކަށް އެކިވަރުގެ އަނިޔާލިބި ފަރުވާ ދީފައިވާ ކަމަށެވެ.
ހަމަ އެއާއެކު ޖެހިގެން އައި 25 ވަނަ ދުވަހުގެރޭ ދަންވަރުވެސް އެރަށުގައި ދެމީހެއްގެ ދެމެދުގައި މާރާމާރީއެއް ހިނގާފައިވާ ކަމަށާއި، އެ މާރާމާރީގައި އެކަކަށް އެކިވަރުގެ އަނިޔާލިބި ފަރުވާ ދީފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ.
ފުލުހުން ވިދާޅުވީ މި ދެ މާރާމާރީއާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން، 25 ނޮވެމްބަރު 2019 ވަނަ ދުވަހުގެ ރޭ 8 މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.
ފުލުހުން ހައްޔަރުކޮށްފައިވަނީ 20 އަހަރުގެ ދެމީހުނާއި، 21 އަހަރުގެ މީހަކާއި، 23 އަހަރުގެ މީހަކާއި، 24 އަހަރުގެ ދެމީހުންގެ އިތުރުން 26 އަހަރުގެ މީހަކާއި 27 އަހަރުގެ މީހެކެވެ. މި އެންމެންނަކީވެސް ދިވެހި ފިރިހެނުން ކަމަށް ފުލުހުން ވިދާޅުވިއެވެ.
މި ދެ މާރާމާރީއަކީވެސް ގުޅުންހުރި ދެ މާރާމާރީކަމަށް ބެލެވޭކަމަށް ފުލުހުން ވިދާޅުވިއިރު، މި މައްސަލަތައް ފުލުހުން ދަނީ އިތުރަށް ތަޙްޤީޤު ކުރަމުންނެވެ.



