ރައީސް ޔާމީން - ފޮޓޯ: ރައީސް އޮފީސް

ރައީސް ޔާމީން އައިޖީއެމް ހޮސްޕިޓަލްގައި އެޑްމިޓް ކޮށްފި

ހިތުގެ ޑޮކްޓަރު ލަފަޔާ އެއްގޮތަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، މިރޭ އަނެއްކާވެސް އައިޖީއެމްއެޗްގައި އެޑްމިޓް ކޮށްފިއެވެ.

މަޢުލޫމާތު ލިބިފައިވާ ގޮތުގައި، އައިޖީއެމް ހޮސްޕިޓަލްގައި ޔާމީން އެޑްމިޓް ކޮށްފައި ވަނީ 24 ގަޑި އިރުގެ އޮބްޒަވޭޝަނަކަށެވެ.

ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހައްޔަރު ކޮށްފަައި ހުރި ޔާމީން، ޖަލުން ކާޑިއޮލޮޖިސްޓް ބައްލަވާފައި ހޮސްޕިޓަލަށް ގެންދަން ލަފާ ދެއްވުމުން އައިޖީއެމްއެޗަށް ގެނައީ މިރޭ 18:30 ހާއި އެވެ.

މިރޭވެސް ޔާމީން އެޑްމިޓް ކޮށްފައިވާއިރު، މިދިޔަ ހަފްތާގައި ޔާމީން ވަނީ ހޮސްޕިޓަލްގައި އެޑްމިޓް ކުރިއެވެ. އެފަހަރުވެސް 24 ގަޑިއިރު އެޑްމިޓްކޮށްފައި ބޭއްބުމަށްފަހު އެމަނިކުފާނު ވަނީ އަނބުރާ ޖަލަށް ގެންގޮސްފައެވެ.

ފެބްރުއަރީ 13 ވަނަ ދުވަހު ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާ އުފުލާފައިވާއިރު، ޝަރީޢަތް ނިމެންދެން ޔާމީން ހައްޔަރުކޮށްފައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ފެބްރުއަރީ 18 ވަނަ ދުވަހުއެވެ.

މަޖިލިސް އިންތިޚާބަށް މަހަކަށް ވެފައިވާއިރު، ރައީސް ޔާމީން ހައްޔަރުކުރިތާ ދެ ހަފްތާ ވެފައިވާއިރު، އެމަނިކުފާނުގެ ޝަރީއަށް ކްރިމިނަލް ކޯޓުގައި ފަށާފައެއް ނުވެއެވެ. އެކަމާ ކަންބޮޑުވުން ފާޅުކޮށް ޕްރޮގްރެސިވް ކޯލިޝަނުން ބުނެފައިވަނީ ޔާމީން ހައްޔަރުކޮށްފައިވަނީ އިންތިޚާބަށް ނުފޫޒު ފޯރުވަން ކަމަށެވެ.

ގުޅުންހުރި ލިޔުންތައް
ފަހުގެ އަޕްޑޭޓް
ފަހުގެ އަޕްޑޭޓް