މޮސްކޯގޭ ޢަލީ ޖަލީލަކީ ޖަމިއްޔަތުއްސަލަފްގައި ދުވަހަކުވެސް މަސައްކަތް ކޮށްފައިވާ ބޭފުޅެއް ނޫން ކަމުގައި އެ ޖަމިއްޔާ އިން ވިދާލުވެއްޖެއެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި، މޮސްކޯގޭ ޢަލީ ޖަލީލާއި ޖަމްޢިއްޔަތުއްސަލަފާއި ގުޅުވައިގެން، މަޖިލީހުގެ ރައީސް ދައްކާފައިވާ ވާހަކަތަކާ ގުޅޭގޮތުން އެ ޖަމިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މޮސްކޯގޭ ޢަލީ ޖަލީލަކީ ޖަމްޢިއްޔަތުއްސަލަފުގައި ދުވަހަކުވެސް މަސައްކަތް ކޮށްފައިވާ މީހެއް ނޫން ކަމަށާއި އަދި އޭނާއާއި އޭނާގެ ފިކުރައްތަބާވާ މީހުން ވަނީ ޖަމްޢިއްޔަތުއްސަލައަށް ނިސްބަތްވާ ޢިލްމުވެރިންނާއި، އެ ނޫންވެސް ރާއްޖޭގެ ޢިލްމުވެރިންނަކީ ދީނުން ބޭރުވެފައިވާ ކާފަރުންކަމުގައި، އެތައްފަހަރަކު ބުނެފައިކަމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސްފަދަ ޒިންމާދާރު މަޤާމުތަކުގައި ތިބޭ ފަރާތްތަކުން، ރައްޔިތުންގެ މެދުގައި ނަފުރަތު އުފައްދޭނެ އަޞްލެއް ނެތް ވާހަކަތަކާއި، ފާޅުކަން ބޮޑު ބުހުތާން ފެތުރުމަކީ ވަރަށް ހިތާމަހުރި ކަމެކަމުގައި އެޖަމިއްޔާއިން ވަނީ ބުނެފައެވެ.
އެ ޖަމިއްޔާއިން ބުނެފައިވަނީ ދުލުން ބޭރުކުރާ ކޮންމެ ކަލިމަޔަކާމެދު ސުވާލު ކުރެވޭ ދުވަހެއް އަންނާނެކަމަށާއި ވީމާ، މަޖިލީހުގެ ރައީސް އާއި، އެންމެހާ މެންބަރުން ދޫރައްކާތެރި ކުރުމަށް ނަޞޭހަތްތެރިވާކަމަށެވެ.
ޑރ. އަފްރާޝީމް ޢަލީގެ މަރުގެ ރިޕޯޓާއި ގުޅިގެން ސަލަފް ޖަމިއްޔާއަށް ފިޔަވަޅު އެޅުމަށް މަޖިލީހުގެ ކޮމެޓީން ވަނީ ނިންމާފައެވެ. ނަމަވެސް އެ މައްސަލާފައި އެ ޖަމިއްޔާއަށް ނިސްބަތް ކޮށް ދެކެވޭ ވާހަކަތައް އެ ޖަމިއްޔާއިން ވަނީ ދޮގުކޮށްފައެވެ.