ކުރީގެ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ މަށްޗަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
ޔާމީންގެ މައްޗަށް ކުއް ސާބިތުވާކަމަށް ހުކުމް ކޮށްފައިވަނީ ހުރިހާ ފަނޑިޔާރުންގެ އިއްތިފާގުންނެވެ.
ހުކުމްގައި ބުނެފައިވަނީ އިސްލާމިކް ބޭންކްގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓަށް ދެ ފަހަރައްގެ މަތިން އެއްމިލިއަން ޑޮލަރު ޖަމާކޮށްފައިވާކަމަށާއި، އަދި އެ ފައިސާއިން 36 މަސް ދުވަހުގެ މުއްދަތަށް އިންވެސްމަންޓްކޮށް މަންފާ ހޯދާފައިވާ ކަމަށެވެ.
ގާޒީ އަލީ ރަޝީދު ވިދާޅުވެފައިވަނީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ ފައިސާ އެސްއޯއެފުން ޔާމީންގެ އެކައުންޓަށް ޖަމާކުރި ކަން އެނގޭއިރު، އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ބެލެވޭ ކަމަށް އޭސީސީން ޔާމީނަށް އަންގަވާފައިވާ ކަން ހެކިންގެ ބަހުންނާއި ކިތާބީ ހެކިން އެނގޭ ކަމުގައެވެ.
ގާޒީ ވިދާލުވެފައިވަނީ ނަމަވެސް އެ ފައިސާގެ ބަދަލުގައި ޔާމީން ޖަމާކޮށްފައިވަނީ އެހެން ފައިސާތަކެއް ކަން ހެކިތަކުން އެނގޭ ކަމަށެވެ.
އެހެން ކަމުން ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ މައްސަލަ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ސާބިތު ވާކަމަށް ހުކުމް އިއްވަމުން ގާޒީ ޢަލީ ރަޝީދު ވަނީ ވިދާޅުވެފައެވެ.
ކުއްސާބިތުވާކަމަށް ކަނޑައެޅުމަށްފަހު ޝަރީއަތުގެ މަޖިލީހުގައި ދެން ކުރިޔަށް ދިޔައީ އަދަބާ މެދު ގޮތެއް ނިންމުމެވެ. އެގޮތުން ދަޢުލަތުގެ ފަރާތުން ވިދާޅުވެފައިވަނީ ޔާމީން ކުރި ކުށުގެ އަދަބެއްގެ ގޮތުން ފަސް އަހަރު ދުވަހުގެ ޖަލު ހުކުމެއް އިއްވައި ދިނުމަށެވެ.
ޔާމީންގެ ވަކީލުން އެދިފައިވަނީ ޔާމީންގެ މައްޗަށް އަދަބު ކަނޑައެޅުމަށް ޝަރީއަތުގެ އެހެން މަޖިލީހެއް ހަމަޖައްސަވައިދެއްވުމަށެވެ.