ޔޫރޮޕާ ލީގުގައި ރޭ މެންޗެސްޓާ ޔުނައިޓެޑް އަދި އާސެނަލްވެސް ކުޅުނު މެޗުން ބަލިވެއްޖެއެވެ. އެސްޓާނާއާއި ބައްދަލުކޮށް ޔުނައިޓެޑް ބަލިވިއިރު، އާސެނަލް ބަލިވީ ފްރެންކްފާޓާއި ބައްދަލުކޮށެވެ.
އެސްޓާނާ އެރީނާގައި ރޭ ކުޅެވުނު މެޗަށް ޔުނައިޓެޑުން ޒުވާން ގިނަ ކުޅުންތެރިންތަކެއް ނެރެފައިވާއިރު، މެޗު ފުރަތަމަ ލަނޑުވެސް ޖަހާފައިވަނީ ޔުނައިޓެޑުންނެވެ. މެޗުގެ 10 ވަނަ މިނަޓްގައި ޖެސީ ލިންގާޑް ކާމިޔާބުކޮށްދިން މިލަނޑާއެކު ޔުނައިޓެޑުން މެޗުގެ ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެއެވެ.
ޔުނައިޓެޑްގެ ޒުވާން ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާއިރު، އެކްލަބުންވަނީ ގިނަ ހަމަލާތަކެއްވެސް އުފައްދާފައެވެ. އެހެންނަމަވެސް ދެވަނަ ހާފު ފެއްޓުމާއެކު ޑިމިޓްރީ ޝޯމްކޯ ކާމިޔާބުކޮށްދިން ލަނޑާއެކު އެސްޓާނާއިން ޔުނައިޓެޑް ޙައިރާންކޮށްލިއެވެ. އަދި މެޗުގެ 62 ވަނަ މިނަޓްގައި ޔުނައިޓެޑްގެ ބަނާޑު އަތުން ބައިކޮޅަށް ވަތް ލަނޑާއެކު ނަތީޖާ އެސްޓާނާ ކޮޅަށް އެނބުރުނުއިރު މެޗު ނިމިގެން ގޮސްފައިވަނީ މިނަތީޖާއާއެކު އެސްޓާނާ ކުރީގައި އޮވެގެންނެވެ.

އަމިއްލަ ދަނޑުގައި ފްރެންކްފާޓާއި ދެކޮޅަށް ނުކުތް އާސެނަލްއިން ނާކާމިޔާބީއާއި ކުރިމަތި ލާން ޖެހެނުއިރު، އާސެނަލް ބަލިވެފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.
ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އޮބަމަޔާން ކާމިޔާބުކޮށްދިން ލަނޑާއެކު އާސެނަލްއިން ލީޑު ނެގިނަމަވެސް، މުޅިން އާ ހިތްވަރަކާއެކު ދެވަނަ ހާފަށް ނުކުތް ފްރެންކްފާޓުންވަނީ ފުލުފުލުގައި ދެލަނޑު ޖަހައި މެޗުގެ ނަތީޖާ އަނެއްކޮޅަށް އަނބުރާލާފައެވެ. ފްރެންކްފާޓްގެ މިދެލަނޑުވެސް ކާމިޔާބުކޮށްދިނީ ޑައިޗީ ކަމާޑާއެވެ.
ރޭގެ މެޗުން ދަށްވުމާއެކު އާސެނަލްގެ ކޯޗު އެމެރީއަށްވަނީ ޕްރެޝަރު ބޮޑެވެފައެވެ. އާސެނަލްއަށް އެންމެ ފަހުން ކުޅުނު ހަތް މެޗުންވެސް މޮޅެއް ލިބިފައެއް ނުވެއެވެ.
ރޭގެ މެޗުން ޔުނައިޓެޑް އަދި އާސެނަލް ދަށްވިނަމަވެސް އެދެޓީމުވެސް އޮތީ ގްރޫޕްގެ އެއްވަނާގައެވެ. 10 ޕޮއިންޓާއެކު ޔުނައިޓެޑް ގްރޫޕް އެލް ގެ އެއްވަނާގައި އޮތްއިރު، އާސެނަލް ގުރޫޕް އެފް ގެ އެއްވަނާގައި އޮތީ 10 ޕޮއިންޓާއެކުގައެވެ.



