ބާސެލޯނާއަށް ކުޅެމުން އަންނަ އުސްމާން ޑެމްބެލޭއަށް އަނިޔާވެ 10 ހަފްތާއަށް ކުޅުމާއި ދުރަށް ދާން ޖެހިއްޖެއެވެ.
ޑެމްބެލޭއަށް އަނިޔާވެފައިވަނީ ބުދަ ދުވަހުގެ ރޭ ޑޯޓުމުންޑާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިބުނު އަނިޔާއަކާއި ގުޅިގެން ޑެމްބެލޭ އެމެޗުގެ ފުރަތަމަ ހާފުގައި ބަދަލުކޮށްފައިވާއިރު، ބާސެލޯނާއިން އެމެޗު ކާމިޔާބުކޮށް ޗެމްޕިއަންސް ލީގުގެ ގަދަ 16 ވަނީ ކަށަވަރުކޮށްފައެވެ.
މެޗަށްފަހު ހެދި ޓެސްޓް ތަކުން ޑެމްބެލޭގެ އަނިޔާގެ ސީރިއަސްކަން އެނގިގެންދިޔައިރު، ޑެމްބެލޭ 10 ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ބާސެލޯނާއިން ބުނެއެވެ. އެހެން ކަމުން ޑެމްބެލޭއަށް އެނބުރި ކުޅުމަށް އާދެވޭނީ އަންނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައެވެ.
"ޓެސްޓްތަކުން ދައްކާ ގޮތުން ޑެމްބެލޭގެ ކަނާތުގެ ފަލަމަސްގަނޑަށްވަނީ އަނިޔާވެފައި، އަދި މިއަނިޔާގެ ސަބަބުން އޭނާ 10 ހަފްތާއަށް ކުޅުމާއި ދުރުގައި ހުންނަން ޖެހޭނެކަމަށް ބެލެވޭ." ބާސެލޯނާގެ ސްޓޭޓްމަންޓެއްގައި ވެއެވެ.
ޑޯޓުމުންޑް ދޫކޮށް ބާސެލޯނާއާއި ޑެމްބެލޭ ގުޅިފައިވަނީ 2017 ވަނަ އަހަރުގެ އޮގަސްޓް މަހުއެވެ. މިސީޒަންގައި ބާސެލޯނާއަށް ލަލީގާ 5 މެޗު މިހާތަނަށް ޑެމްބެލޭ ކުޅެދީފައިވާއިރު، 1 ލަނޑުވަނީ ކާމިޔާބުކޮށްދީފައެވެ.



