ޔާމީންގެ މައްޗަށް ހުކުމް އިއްވި ވަގުތު އެމަނިކުފާނުގެ ޓީމް - ފޮޓޯ: އަވަސް

އެޗްއާރްސީއެމްގެ މެންބަރުން ކުރީގެ ރައީސް ޔާމީނާ ބައްދަލުކުރައްވައިފި

މަނީ ލޯންޑްރިންގެ ކުއް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްއާއި، ހިއުމަންރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ގެ މެންބަރުން މިއަދު ބައްދަލުކުރައްވައިފިއެވެ.

އެޗްއާރުސީއެމް އިން ރައީސް ޔާމީނާ ބައްދަލުކުރައްވާފައި ވަނީ އެމަނިކުފާނު ހުންނެވި ޖަލު ގޮޅީގައި މައްސަލަތަކެއް ހުރިކަން އެމަނިކުފާނުގެ ޤަނޫނީ ވަކީލުންގެ ޓީމުން ފާހަގަކުރައްވައި އެޗްއާރްސީއެމަށް މައްސަލަ ހުށައެޅުމާއި ގުޅިގެންނެވެ.

ޔާމީންގެ ޤާނޫނީ ވަކީލުންގެ ޓީމުން އިއްޔެ އެމަނިކުފާނު ހުންނެވި މާލޭ ޖަލަށް ޒިޔާރަތް ކުރެއްވުމަށްފަހު، ޖަލުގެ ހާލަތު ވަރަށް ދަށް ކަމަށާއި އިސްތިއުނާފްގެ މަރުހަލާ ނިމެންދެން ޔާމީން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ވަނީ އެދިލައްވާފައެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސް ޢަބްދުﷲ މުނާޒު ވިދާޅުވެފައިވަނީ އެޗްއާރްސީއެމަށް ހުށަހަޅާފައިވާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް ޔާމީންއާއި ބައްދަލުކުރެއްވުމަށް އެޗްއާރްސީއެމްގެ ތިން ބޭފުޅަކު މިއަދު މާލެ ޖަލަށް ވަޑައިގެންފައިވާކަމަށާއި އެބޭފުޅުންނަށް ރައީސް ޔާމީނާ ބައްދަލުކުރެއްވުމަށް ހުއްދަ ދީފައިވާކަމަށެވެ.

އޭގެ ވަގުތުކޮޅެއްފަހުން މުނާޒު ވިދާޅުވެފައި ވަނީ ޤާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ މެޑިކަލް އެސެސްމެންޓް އަދި އެހެނިހެން އިޖުރާޢަތްތައް ފުރިހަމަކޮށް ނިމިފައިވާތީ ކުރީގެ ރައީސް ޔާމީން މިއަދުގެ ވަގުތެއްގައި މާފުށީ ޖަލަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

އެމަނިކުފާނުގެ ގާނޫނީ ޓީމުން ބުނެފައިވަނީ އެމަނިކުފާނު މާލޭ ޖަލުގައި ހުންނެވި ގޮޅިއަކީ ހަތަރު ފޫޓާއި ހަ ފޫޓުގެ ގޮޅިއެއް ކަމަށާއި އެ ގޮޅީގައި އެމިކުފާނު އޮށޯވެ އޮންނަން ހަމަ އިސްކޮޅުވެސް ނުލިބޭ ކަމަށެވެ. އަދި ގޮޅީގެ ފާހާނާ ތަށީގައި މައްސަލަތަކެއް ހުރިކަންވެސް ޤާނޫނީ ޓީމުން ވަނީ ފާހަގަ ކޮށްފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ