އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން މޮޅުވި މެޗާއެކު ބަލިނުވެ ލިވަޕޫލްއިން 31 މެޗު ހަމަކޮށް، އެކްލަބުން ކުރިން ހަދާފައި އޮތް ރެކޯޑާއި ހަމަހަމަކޮށްފިއެވެ.
މީގެކުރިންވެސް ލިވަޕޫލުން ބަލިނުވެ 31 މެޗު ކުޅެފައިވާއިރު، އެއީ 1987 މެއި އިން 1988 މާރޗްއާއި ދެމެދުގައެވެ.
މިސީޒަންގައި ކުޅުނު އެއްވެސް މެޗަކުން ލިވަޕޫލް ބަލިވެފައި ނުވާއިރު، ލިވަޕޫލް އެންމެ ފަހުން ބަލިވެފައިވަނީ މިއަހަރުގެ ކުރީކޮޅުގައެވެ. ޖެނުއަރީ 4 ވަނަ ދުވަހު 2-1 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވީ ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީއާއި ބައްދަލުކޮށެވެ.
31 - @LFC have equalled their longest ever unbeaten run in the top-flight, also going 31 games without defeat between May 1987-March 1988. Bulldozer. #LIVBHA
— OptaJoe (@OptaJoe) November 30, 2019
އެންފީލްޑްގައި ރޭ ބްރައިޓަން އާއި ދެކޮޅަށް ކުޅެވުނު މެޗު ލިވަޕޫލް ކާމިޔާބުކޮށްފައިވަނީ 2-1 ގެ ނަތީޖާއަކުންނެވެ.
ލިވަޕޫލުންޖެހި ދެލަނޑުވެސް މެޗުގެ ފުރަތަމަ ހާފުގައި ފެނިގެން ގޮސްފައިވާއިރު، މިދެލަނޑުވެސް އެކްލަބަށް ޖަހައިދިނީ އިތުބާރު ޑިފެންޑަރ ވާޖިލް ވެންޑައިކްއެވެ. މިދެލަނޑުވެސް ޖަހާފައިވަނީ ކޯނަރުން ހުރަސްކޮށްދިން ބޯޅަގައި ބޮލުންނެވެ.
ބްރައިޓަންގެ ހަމައެކަނި ލަނޑު މެޗުގެ 79 ވަނަ މިނަޓްގައި ފެނިގެންދިޔައިރު މިލަނޑަކީ ގޯލްކީޕަރު އެލިސަން ބެކާ އޭރިއާ ބޭރުން ބޯޅައިގައި އަތްލުމުގެ ސަބަބުން ލިބުނު ހިލޭ ޖެހުމަކުންނެވެ. ބްރައިޓަންއަށް މިލަނޑު ކާމިޔާބުކޮށްދިނީނލެވިސް ޑަންކްއެވެ. އޭރިއާ ބޭރުން ބޯޅައިގައި އަތްލުމުގެ ސަބަބުން ލިވަޕޫލްގެ ކީޕަރ އެލިސަންއަށްވަނީ ރަތްކާޑެއް ދައްކާފައެވެ.
ރޭގެ މެޗުން މޮޅުވުމާއެކު 11 ޕޮއިންޓްގެ ލީޑަކަށް ލިވަޕޫލްވަނީ ޖެހިލާފައެވެ. 40 ޕޮއިންޓާއެކު ތާވަލްގެ އެއްވަނާގައި ލިވަޕޫލް އޮތްއިރު، ތިންވަނާގައި އޮތް ސިޓީއަށް ލިބިފައިވަނީ 29 ޕޮއިންޓެވެ.




