ލަލީގާ - އުނދަގޫ މޮޅަކާއެކު ރެއަލްމެޑްރިޑް ތާވަލްގެ އެއްވަނައަށް

ސްޕެނިޝް ލަލީގާގައި ރޭ އަލްވެސްއާއި ބައްދަލުކޮށް ލިބުނު އުނދަގޫ މޮޅާއެކު ރެއަލްމެޑްރިޑް ވަގުތީގޮތުން ތާވަލްގެ އެއްވަނައަށް އަރައިފިއެވެ.

ރަށުން ބޭރުގައި ކުޅުނު މިމެޗު ރެއަލްމެޑްރިޑުން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

ރޭގެ މެޗުގެ ފުރަތަމަ 11 އަށް ޒިދާން ބޮޑެތި ބަދަލުތަކެއް ގެނެސްފައިވާއިރު، މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ އެއްވެސް ޓީމަކަށް ލަނޑެއް ނުޖެހިއެވެ.

މެޗުގެ ދެވަނަ ހާފު ފެއްޓުމާއެކު ރެއަލްމެޑްރިޑުން ލަނޑެއްޖަހައި ލީޑު ނެގިއެވެ. 52 ވަނަ މިނަޓްގައި ފެނިގެންދިޔަ މިލަނޑު ރާމޯސް ކާމިޔާބުކޮށްދިނީ ހިލޭ ޖެހުމަކުން ހުރަސްވެގެން ދިޔަ ބޯޅައަކުން ބޮލުންނެވެ. މިލީޑުގައި ރެއަލްމެޑްރިޑަށް މާގިނައިރު ހިފަހަށްޓައިލެވިފައިނުވާއިރު، 13 މިނަޓްފަހުން ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ލަނޑަކާއެކު އަލްވެސްއިން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

އޭރިއާ ތެރެއިން ރާމޯސް ކުރި ފައުލަކާއި ގުޅިގެން ލިބުނު މިޕެނަލްޓީ އަލްވެސްއަށް ކާމިޔާބުކޮށްދިނީ ލޫކަސް ޕެރޭޒްއެވެ.

އަދި އޭގެ ހަތަރު މިނަޓްފަހުން ރެއަލްމެޑްރިޑުން ލަނޑެއްޖަހައި ދެވަނަ ފަހަރަށް ލީޑު ނެގިއިރު، ކާވަހާލް މިލަނޑު ކާމިޔާބުކުރީ ކޯނަރަކުން ހުރަސްވެގެން ދިޔަ ބޯޅަ އިސްކޯ ބޮލުން ފޮނުވާލި ވަގުތު އަލްވެސް ކީޕަރު ދިފާޢުކުރި ބޯޅަ ގޯލް ދަނޑީގައިޖެހުމަށްފަހު ގޯލްކުރިމައްޗަށް ވެއްޓުނު ވަގުތެވެ.

މިމޮޅާއެކު 14 މެޗުން ލިބުނު 31 ޕޮއިންޓާއެކު ރެއަލްމެޑްރިޑް އޮތީ ތާވަލްގެ އެއްވަނާގައެވެ. ދެވަނާގައި އޮތް ބާސެލޯނާއިން 13 މެޗު ކުޅެފައިވާއިރު، އެޓީމަށް ލިބިފައިވަނީ 28 ޕޮއިންޓެވެ.

ކުރިއަށް އޮތް މެޗުން މޮޅުވެ ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުޞަތު ބާސެލޯނާއަށް އޮތްއިރު، މިރޭ ކުޅުމަށް ހަމަޖެހިފައިވާ މިމެޗުގައި ބާސެލޯނާ ނުކުންނާނީ އެތުލެޓިކޯ މެޑްރިޑާއި ދެކޮޅަށެވެ. މިމެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 01:00 ގައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ