ކާށިދޫ ދާއިރާގެ މެންބަރު އަދި ޑީއާރްޕީގެ ލީޑަރު އަބްދުﷲ ޖާބިރުގެ އަތްޕުޅުން މޯލްޑިވްސް ރިޕޯމް މޫވްމެންޓް (އެމްއާރުއެމް)ގެ ލީޑަރު އަދި ކުރީގެ ރައީސް މައުމޫނު އަބްދުލްގައްޔޫމު ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ މައްސަލާގައި މައުމޫން ގޮވައިގެން ކޯޓަށްދާން ނިންމާފައިވާކަމަށް ޖާބިރު ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވިގޮތުގައި މިމައްސަލާގައި ކުރިންވާނީ ރައީސް މަޢުމޫނަށް މަޢާފުކޮށްފައެވެ. އެހެންނަމަވެސް އަލުން އަނބުރާ މިމައްސަލައާއެކު ކޯޓަށް ދާން ނިންމާފައިވަނީ މައުމޫން އަނެއްކާ މާބާރަށް ރިފޯމްވާން އުޅޭތީ ކަމަށްވެސް ޖާބިރު ވިދާޅުވިއެވެ.
ޖާބިރު ވިދާޅުވީ، އޭނާ އަތުން ކާލި ރުފިޔާއާއެކު މަޢުމޫން ރިފޯމްވާން އުޅޭއިރު، ރިޕޯމްވުމުގެ ގޮތުން އެފައިސާ އަނބުރާ ދެއްކުން ކީއްތޯވެސް ސުވާލުކުރައްވާފައެވެ.
މަޢުމޫން ޖާބިރުގެ އަތުން ނެންގެވި ކަމަށް ބުނާ 29 މިލިއަން ރުފިޔާ އިންޓްރެސްޓް އާއި އެކު 59 މިލިޔަން ރުފިޔާ މާފުކޮށް، ފުލުހުންނަށް ހުށަހެޅުއްވި މައްސަލަ އަނބުރާ ނަންގަވާފައިވަނީ މިދިޔަ އޮކްޓޫބަރު މަހުގެ ތެރޭގައެވެ.
އޭރު ޖާބިރުވިދާޅުވީ، މިމައްސަލަ ނަގާފައިވަނީ ޖާބިރުގެ މަންމަ މަރިޔަމް މަނިކުގެ އެދިވަޑައިގަތުމަކަށްކަމަށެވެ.



