2019 ވަނަ އަހަރުގެ ބެލޮންޑިއޯ އެވޯޑް ބާސެލޯނާގެ ކެޕްޓަން ލިއޮނަލް މެސީ ޙާސިލްކޮށްފިއެވެ. މިއީ ކެރިއަރުގައި މެސީ މިއެވޯޑް ހޯދި ހަވަނަ ފަހަރެވެ. ހަވަނަ ފަހަރަށް މިއެވޯޑް ޙާސިލްކުރި ފުރަތަމަ ކުޅުންތެރިއަކީވެސް މެސީއެވެ. ވާދަވެރި ރޮނާލްޑޯވަނީ މިއެވޯޑް ފަސްފަހަރެއްގެ މަތިން ޙާސިލްކޮށްފައެވެ.
ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކާއި ވާދަކޮށް މެސީ މިއެވޯޑް ޙާސިލްކުރިއިރު، ފްރާންސްގެ ވެރިރަށް ޕެރިހުގައި ރޭ ކުރިއަށްދިޔަ ރަސްމިއްޔާތުގައި މެސީއާއި މިއެވޯޑް ޙަވާލުކޮށްދިނީ 2018 ވަނަ އަހަރު މިއެވޯޑް ޙާސިލްކުރި ރެއަލްމެޑްރިޑްގެ ލޫކާ މޮޑްރިޗެވެ.

ފްރާންސްގެ ފުޓްބޯލް ގާލާގައި އޮތް މިރަސްމިއްޔާތުގައި އެވޯޑާއި ޙަވާލުމަށް މެސީ ގޮސްފައިވަނީ އަނބިމީހާ އެންޓޯނެލާގެ އިތުރުން އޭނާގެ ދެފިރިހެން ދަރިންނާވެސް އެކުގައެވެ.

ބެލޮންޑިއޯ އަކީ ދުނިޔޭގެ ފުޓްބޯޅައިގައި ދެވޭ އެންމެ ޝަރަފްވެރި އިންޑިވިޖުއަލް އެވޯޑް މެސީ ކެރިއަރުގައި މިއެވޯޑް ފުރަތަމަ ފަހަރަށް ޙާސިލްކޮށްފައިވަނީ މީގެ 10 އަހަރުކުރިންނެވެ. އެއީ 2009 ވަނަ އަހަރުއެވެ. އަދި ޖެހިގެންއައި ތިން އަހަރުވެސް މެސީއަށް މިއެވޯޑް ލިބުނުއިރު، 2015 ވަނަ އަހަރުވެސް މެސީވަނީ މިލިސްޓުން އެއްވަނަ ހޯދާފައެވެ.
"އަހަރެން އަދިވެސް ހަނދާންހުރޭ މީގެ 10 އަހަރުކުރިން ފުރަތަމަ ބެލޮންޑިއޯ އާއި ޙަވާލުމަށް ޕެރިސްއައި ދުވަސް. އޭރު އަހަރެންގެ އުމުރަކީ 22 އަހަރު. އަހަރެން އެދުވަހުއައީ ތިން ބޭބެއާއެކު." ބެލޮންޑިއޯއާއި ޙަވާލުމަށްފަހު ވާހަކަ ދައްކަމުން މެސީ ބުންޏެވެ.
މީގެއިތުރުން މެސީ ބުނީ، އޭނާގެ އުމުރުން ދުވަސްވަމުން އަންނަކަން އެނގޭކަމަށާއި، ފުޓްބޯޅައާއި ދުރަންދާން ޖެހޭ ދުވަސް ކައިރިވަމުން އަންނައިރު، ކުރިއަށްއޮތް އަހަރު ތަކުގައިވެސް އުފަލާއެކު ފުޓްބޯޅަ ކުޅެވޭނެކަމަށް އުންމީދުކުރާކަމަށެވެ.

ދުނިޔޭގައި މިހާތަނަށް އުފެދުނު އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާ ކަމަށް ގިނަ ބަޔަކު ގަބޫލުކުރާ މެސީ ވަނީ މިދިޔަ ސީޒަންގައި އޭނާ ކުޅުނު 49 މެޗުގައި 51 ލަނޑު ކާމިޔާބުކޮށް އިތުރު 19 ލަނޑު ތަނަވަސްކޮށްދީފައެވެ. މިދިޔަ ސީޒަންގައި މެސީގެ ފަރާތުން މޮޅުކުޅުމެއް ފެނިފައިވާއިރު އޭނާވަނީ ބާސެލޯނާއާއެކު ސްޕެނިޝް ލީގު ދިހަވަނަ ފަހަރަށް ކާމިޔާބުކޮށްފައެވެ. މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ރަންބޫޓްވެސް މެސީ ޙާސިލްކޮށްފައިވާއިރު، މިދިޔަ ސީޒަންގައި ލަލީގާގައި ކާމިޔާބުކުރި 36 ލަނޑާއެކު ޔޫރަޕްގެ ރަންބޫޓް 6 ފަހަރަށް ހޯދި ފުރަތަމަ ކުޅުންތެރިއަކަށްވެސް އޭނާވަނީ ވެގެން ގޮސްފައެވެ.
ބެލޮންޑިއޯ އެވޯޑުގެ އަންހެން އެއްވަނަ ކުޅުންތެރިއަކަށް ހޮވުނީ ފީފާ “ދަ ބެސްޓް“ އަންހެން އެވޯޑް ވެސް އުފުލާލި އެމެރިކާގެ މެގަން ރެޕިނޯއެވެ.




