ކައުންސިލްތަކުގެ އުމުރު ތިން އަހަރުން ފަސް އަހަރަށް ދިގުކުރުމަށް ފާސްކޮށްފިއެވެ.
ކައުންސިލްތަކުގެ އުމުރު ދިގުކުރުމަށް ޤާނޫނު އަސާސީގެ ލާމަރުކަޒީ ބާބަށް ހުށައެޅި އިޞްލާހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވަނީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ލާމަރުކަޒީ ބާބަށް ސަރުކާރުން ހުށައެޅި އިސްލާހުގައި ބުނެފައިވަނީ ސިޓީ ކައުންސިލްގެ މޭޔަރުންނާއި ނާއިބު މޭޔަރުން އަދި ކައުންސިލްގެ ރައީސްއާއި ނާއިބު ރައީސް ހޮވަންޖެހޭނީ ރައްޔިތުންގެ ސީދާ ސިއްރު ވޯޓަކުންކަމަށެވެ. ނަމަވެސް ކޮމިޓީން ފާސްކޮށްފައިވަނީ ރައްޔިތުންގެ ވޯޓަކުން އިންތިޚާބުކުރާނީ ސިޓީ ކައުންސިލްގެ މޭޔަރުންނާއި ކައުންސިލްތަކުގެ ރައީސުން އެކަނިކަމަށެވެ.
މިހާރު ކައުންސިލްތަކުގެ އިންތިޚާބު ބާއްވަމުން އަންނަނީ ތިންއަހަރުންނެވެ. ނަމަވެސް މި އިސްލާހު ތަސްދީޤް ކުރެއްވުމާއި ގުޅިގެން ކައުންސިލްތަކުގެ އުމުރު ފަސް އަހަރަށް އިތުރުވެގެން ދާނެއެވެ. މިއަދު ފާސްކުރި އިޞްލާހު ބުނެފައިވަނީ މި އިސްލާހު ތަސްދީޤުކުރެއްވުމުން އެންމެ އަވަހަށް ބާއްވާ ކައުންސިލް އިންތިޚާބުގައި މިޤާނޫނަށް ޢަމަލުކުރަންޖެހޭ ކަމަށެވެ.
ކުރިޔަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވަނީ އަންނަ އަހަރުގެ އޭޕްރީލް މަހުގެ 4 ވަނަ ދުވަހުއެވެ.



