ޑރ. ޝަހީމަށް ދައުވާ ކުރުމަށް ޕީޖީއަށް ފޮނުވައިފި

އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު، ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ ގަތުލުކޮށްލި މައްސަލަގެ ރިޔާސީ ކޮމިޝަނުގެ ތަހުގީގަށް ދޮގު މަޢުލޫމާތުދީ، ތަޙްޤީޤަށް ހުރަސްއެޅިކަމަށްބުނެ، ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ދައުވާކޮށް ދިނުމަށް އެ މައްސަލަ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް (ޕީޖީ) އަށް ފޮނުވައިފިއެވެ.

މަރުތައް ތަޙްޤީޤުކުރާ ރިޔާސީ ކޮމިޝަނުން މިއަދު ވިދާޅުވީ، އެ ކޮމިޝަނުން ބަލަމުން ގެންދިޔަ ޑރ.އަފްރާޝީމްގެ މަރުގެ މައްސަލައިގެ ތަހުގީގަށް ޑރ. ޝަހީމް ދޮގު މައުލޫމާތު ދެއްވައި، ތަޙްޤީޤަށް ހުރަސް އަޅާފައިވާ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާކޮށްދެއްވުން އެދި ޕީޖީ އޮފީހަށް މައްސަލަ ފޮނުވާފައިވާ ކަމަށެވެ.

މަރު ކޮމިޝަނުން ތުހުމަތު ކުރާ ގޮތުގައި ރާއްޖޭން ބޭރުގައި ހުންނަވާ ޑރ. ޝަހީމް އެ ކޮމިޝަނަށް ލިޔުމުން މަޢުލޫމާތު ދެއްވިއިރު، ދޮގު މަޢުލޫމާތު ދީފައިވެއެވެ. ނަމަވެސް ޑރ. ޝަހީމް ވަނީ އެކަން ދޮގުކޮށްފައެވެ.

މިކަމާ ގުޅިގެން މިއަދު ޑރ. ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އަފްރާޝީމްގެ މަރުގެ މައްސަލައާއި އެމަނިކުފާނާ އެއްވެސް ގުޅުމެއް ހުރި މައްސަލައެއް ނޫން ކަމަށާއި، ދައުވާކުރަނީ މަސައްކަތަށް ހުރަސްއަޅައި، ސިޔާސީ މުސްޠަޤްބަލު ދުއްވާލަން ކަމަށެވެ.

ޑރ. އަފްރާޝީމް ޢަލީ އަވަހާރަކޮށްލާފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ އަލްޤައިދާއާއި ގުޅުންއޮތް ދީނީ ހަރުކަށި ޖަމާއަތަކުން ކަމަށް މަރުތައް ތަޙްޤީޤުކުރާ ކޮމިޝަނުން ވަނީ ނިންމާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ