ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި 21 އަހަރުގެ ޒުވާނަކު އޮސްޓްރޭލިޔާއިން ހައްޔަރުކޮށްފި

ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި 21 އަހަރުގެ ޒުވާނަކު ސިޑްނީއިން އޮސްޓްރޭލިއާ ފުލުހުން ހައްޔަރު ކޮށްފިއެވެ.

އޮސްޓްރޭލިޔާ ފުލުހުން މި ޒުވާނާގެ ޒާތީ މައުލޫމާތު ހާމަކޮށްފައި ނުވާއިރު އެގައުމުގެ ފުލުހުން ބުނެފައިވަނީ ހައްޔަރުކުރި ޒުވާނާ ނިސްބަތްވަނީ އިސްލާމިކް ސުޓޭޓް (އައިއެސް) އަށް ކަމަށެވެ. އަދި ޒުވާނާ ހައްޔަރުކޮށްފައި ވަނީ ހަމަލާ ދިނުމަށް ރާވަމުން ދަނިކޮށް ކަމަށެވެ.

ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގެ އިތުރުން ދީނީ ހައްދުފަހަނައަޅައި ދިއުމަށް ހިތްވަރު ލިބޭ އެއްޗެހި އޮންލައިން ޕުލެޓްފޯމްތަކުގައި ހިއްސާކުރުމާއި އަދި ދެ ޒުވާނަކު ހައްދުފަހަނަ އަޅައި ދިއުމަށް ހިތްވަރު ދިނުމުގެ ތުހުމަތު މި ޒުވާނާއަށް އޮސްޓްރޭލިއާ ފުލުހުން ކުރެއެވެ.

އޮސްޓްރޭލިއާއިން ޓެރަރިޒަމް އާއި ގުޅޭ މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައި މިވަނީ އިނގިރޭސިވިލާތުގެ ލަންޑަނުގައި ޓެރަރިޒަމްގެ ކޮށް ސާބިތުވެ ޖަލު ހުކުމެއް އިއްވައިފައިވާ މީހަކު ލަންޑަން ބުރިޖުގައި ވަޅިން ހަމަލާދީ ދެމީހަކު މަރާލިތާ މާގިނަ ދުވަހެއް ނުވަނީސްކަން ފާހަގަ ކޮށްލެވެއެވެ.

މިމައްސަލައާއި ގުޅިގެން އޮސްޓްރޭލިއާ ފުލުހުން އިތުރަށް ބުނީ، ޒުވާނާ ހައްޔަރުކޮށްފައިވަނީ އިއްޔެގެ ހެނދުނުގެ ވަގުތުގައި އޮސްޓްރޭލިޔާގެ ރިވަރވުޑް އިން ޒުވާނާ އާއިލާ އާއެކު ދިރިއުޅެމުންދިޔަ ގެއިން ކަމަށެވެ. އަދި މި ޒުވާނަކީ އޮސްޓްރޭލިއާއަށް އުފަން ޒުވާނެއް ކަމަށްވެސް އޮސްޓްރޭލިއާ ފުލުހުން މައުލޫމާތު ދެއެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ