އިންގްލިޝް ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުގައި ބްރައިޓަން އަތުން ދަށްވެ އާސެނަލް ތާވަލްގެ 10 ވަނައަށް ވެއްޓިއްޖެއެވެ.
އަމިއްލަ ދަނޑުގައި ކުޅެވުނު މިމެޗުން އާސެނަލް ދަށްވެފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.
މެޗުގެ ފުރަތަމަ ހާފުގައި ބްރައިޓަންގެ ވެބްސްޓާގެ ލަނޑާއެކު އެކްލަބު ލީޑުނަގާފައިވާއިރު، އާސެނަލްއިން ނަތީޖާ ހަމަހަމަކޮށްފައިވަނީ މެޗުގެ 50 ވަނަ މިނަޓްގައެވެ. މިލަނޑު އާސެނަލްއަށް ކާމިޔާބުކޮށްދީފައިވަނީ ލަކަޒެޓްއެވެ. ލަކަޒެޓް ބޮލުން ކާމިޔާބުކުރި މިލަނޑާއެކު އާސެނަލްއަށް އިތުރު ހިތްވަރެއް ލިބިގެން ދިޔައެވެ.
އަދި ކުޑައިރުކޮޅެއް ފަހުން ޑޭވިޑް ލުއިޒް ކާމިޔާބުކުރި ލަނޑާއެކު ލީޑު ނެގުނުކަމަށް އުންމީދުކުރެވުނެވެ. ނަމަވެސް ވީއޭއާރުން އެލަނޑު ކެންސަލްކޮށްފައިވަނީ ލުއިޒް އޮފްސައިޑްގައި ހުރުމުންނެވެ.
ބްރައިޓަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި ދެވަނަ ފަހަރަށް އެކްލަބުން ލީޑުނަގާފައިވަނީ 80 ވަނަ މިނަޓްގައި މައުޕޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
އެންމެފަހުން ކުޅުނު 9 މެޗުންވެސް އާސެނަލްއަށް މޮޅެއް ލިބިފައިވާއިރު، މޮޅެއް ނުލިބި މިހާގިނަ މެޗު އާސެނަލްއިން ކުޅެފައިވަނީ 1977 ވަނަ އަހަރުއެވެ. އެއަހަރު މޮޅެއް ނުލިބި އާސެނަލްއިން 10 މެޗު ކުޅެފައިވެއެވެ.
އާސެނަލްއަށް އެންމެ ފަހުން މޮޅެއް ލިބިފައިވަނީ މިއަހަރުގެ އޮކްޓޯބަރު 24 ގައި ވިޓޯރިއާއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. ޔޫރޮޕާ ލީގުގެ އެމެޗު އާސެނަލްއިން ކާމިޔާބުކޮށްފައިވަނީ 3-2 ގެ ނަތީޖާއަކުންނެވެ.
ރޭގެ މެޗުން ދަށްވެ ތާވަލްގެ ދިހަވަނައަށް އާސެނަލް ވެއްޓިފައިވާއިރު، 15 މެޗުން އާސެނަލްއަށް ލިބިފައިވަނީ އެންމެ 19 ޕޮއިންޓެވެ.



