ހަޒާޑަށް އެލްކްލެސިކޯ ކުޅެވޭނެ ކަމުގެ އުންމީދު ކުޑަ!

ކަނާތު ފައިގެ ކުޑަހުޅަށް ލިބުނު އަނިޔާއަކާއި ގުޅިގެން ހަޒާޑަށް ސީޒަންގެ ފުރަތަމަ އެލްކްލެސިކޯ ކުޅެވޭނެ ކަމުގެ އުންމީދު ކުޑަ ވެއްޖެއެވެ.

ހަޒާޑަށް އަނިޔާވެފައިވަނީ ޗެމްޕިއަންސް ލީގުގައި މިދިޔަ ހަފްތާގައި ޕީއެސްޖީއާއި ދެކޮޅަށް ކުޅުނު މެޗުގައެވެ. 2-2 ގެ ނަތީޖާއަކުން އެއްވަރު އެމެޗުގައި ހަޒާޑަށް ލިބުނު އަނިޔާއަކީ ކުޑަ އަނިޔާއެއްކަމަށް ރެއަލްމެޑްރިޑުން ހީކުރިނަމަވެސް ޓެސްޓްތައް ދައްކާ ގޮތުން މިއީ އާދައިގެ އަނިޔާއެއް ނޫންކަމަށްވަނީ ބެލެވިފައެވެ. އެގޮތުން ހަޒާޑުގެ ކުޑަ ހުޅުގައި ރެދެއްލާފައި ހުރިކަމަށް ރިޕޯޓްތައް ބުނެއެވެ.

މީގެ މާނައަކީ މިމަހުގެ 19ވަނަ ދުވަހު ބާސެލޯނާގެ ކޭމްޕްނޯ ގައި ކުޅެވޭ އެލްކްލެސިކޯގައި ހަޒާޑަށް ނުކުޅެވޭނެއެވެ.

މިދިޔަ ހޫނު މޫސުމުގެ ޓްރާންސްފާގައި ޗެލްސީ ދޫކޮށް ރެއަލްމެޑްރިޑާއި ގުޅުނު ހަޒާޑަށް ޕްރީ ސީޒަންގައި ލިބުނު އަނިޔާއަކާއި ގުޅިގެން ސީޒަންގެ ގިނަ މެޗުތައްވަނީ ގެއްލިފައެވެ. ލަލީގާގައި މިހާތަނަށް ހަޒާޑު ރެއަލްމެޑްރިޑް ކުޅެދީފައިވަނީ އެންމެ 8 މެޗެވެ. އެ 8 މެޗުން 1 ލަނޑު ޖަހައި އިތުރު 3 ލަނޑު ޖެހުމަށް ހަޒާޑު އެހީތެރިވެދީފައިވެއެވެ.

ހަޒާޑުގެ އިތުރުން ފަލަ މަސްގަނޑަށް ލިބުނު އަނިޔާއަކާއި ގުޅިގެން މާސެލޯއަށްވެސް އެލްކްލެސިކޯ ކުޅެވޭނެކަމުގެ އުންމީދު ވަރަށް ކުޑައެވެ.

އޮކްޓޯބަރު މިމަހު 26 ގައި ކުޅުމަށް ހަމަޖެހިފައިވާ އެލްކެލެސިކޯ ކެޓަލޫނިއާއަށް ދިމާވެފައިވާ ސިޔާސީ ހަލަބޮލިކަމުގެ ސަބަބުން ކެންސަލްކޮށްފައިވާއިރު، އެމެޗު އަލުން ކުޅުމަށް ތާވަލްކޮށްފައިވަނީ މިމަހުގެ 19 ވަނަ ދުވަހަށެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ