ދެ ދުވަސްތެރޭގައި ޒީނާ ހާދަހާ ނިދި ގަދަވެއްޖެއޭ ހިތަށް އަރާ ހިނިތުންވެލަމުން ގޮސް ފޮށިން ސޯޓަކާއި ޓީޝާޓެއް ނަގާ ލިއެވެ. އޭރު ނާއިލްގެ ކޮންމެ ހަރަކާތަކަށް ބަލަން އެ "އެތި" ކަޅި ޖަހާލުމެއް ނެތި ހުއްޓެވެ. ނާއިލްއަށް ނުފެނުނު ނަމަވެސް އޭއްޗަށް ނާއިލް ފެނެއެވެ. ކޮޓަރީގެ ހުޅުވާފައިވާ ކުޑަދޮރުން ދިމާ ބޭރުގައި ހުރި އެތި ވިހަ ހިނިތުންވުމެއް ވެރިކޮށްގެން ހުރީ ދެންމެ އެޔަށް ލިބުނު ކާމިޔާބީގެ ސަބަބުންނެވެ. ނާއިލްގެ ގައިގާ ބީހިލާ ނާއިލްގެ އަތުން އޭނާގެ ގައިގާ ބީހިލެވުނީމައެވެ. އެތަށް އަހަރެއްގެ އިންތިޒާރަށް ނިމުމެއް އަންނަން އުޅޭތީއެވެ.
މާގިނައިރެއް ނުވެ ޒީނާވެސް ހޭލައިފިއެވެ. ތެދުވުމާއި އެކުގައި ޒީގެ ލޮލުގައި އަޅައިގަތީ ބާލީސްމަތީގައި ބާއްވާފައި އޮތް ފިނިފެންމާ ފެނުމާއި އެކުގައި ނާއިލްގެއަށް އައިކަން އެނގި ހިނިތުންވެލެވުނެވެ. އަވަސްއަވަހަށް ތެދުވެ ފާހާނާއަށް ވަދެ މޫނު ދޮވެލައިގެން ނުކުމެ އަލަމާރީގައި ހަރުކޮށްފައި ހުރި ލޯގަނޑު ކުރިމައްޗަށް ހުއްޓި މޫނުގައި ފުއްކޮޅެއް ޖަހާލާ ތުންފަތުގައި މަޑު ފިޔާތޮށި ކުލައިގެ "ލިޕްސްޓިކް" ކޮޅެއް ޖައްސާލިއެވެ. ނާއިލް ކޮޓަރި ދޮރު ހުޅުވާލާފައި އައިސް ވަނީ އެވަގުތުއެވެ.
"އަސްތާ މަގޭ ލޯބިވާ ހާދަ ލޯތްބޭ" ޒީނާ ގައިގާ އައިސް ބައްދާލަމުން ނާއިލް ބުނެލިއެވެ.
"ސޮރީ ނިދުނީ އަމްނާމެންނާއި އެކުގައި. އުޅުނީ ހޭލާ އޮންނަން" ރަނގަޅަށް ނާއިލްގެ މެއާއިލާ ބޮނޑިވެލަމުން ޒީނާ ބުނެލިއެވެ.
"އެއީ އެއްވެސް މައްސަލައެއް ނޫނޭ" ނާއިލް ހީކުރީ ޒީނާ ދެއްކީ ފާހާނައިން ނުކުމެފައި ނިދުނު ވާހަކަ ކަމަށެވެ.
"ޒީ އަށް އެނގޭތަ؟ ކުދިންގެ ތަންމަތީގައި ނެތް އެއްވެސް އެއްޗެއް. ހަމަ ވެދާނެ މަދިރި ކަހަލަ އެއްޗެއްގެ ކަމެއް ކަމަށް. އިތުރަށް އެހެން ވަންޏާ ޑޮކްޓަރަށް ދައްކާލާ އުނގުޅަން ބޭހެއް ނަގާނީ ދޯ. އަހަރެން ބަލާނަން ދެން ބޭރަށް ނުކުންނަ އިރުގައި މަދިރިމަރަން ޖަހާ ގުޑްނައިޓް ކަހަލަ އެއްޗެއް ލިބޭތޯ." ނާއިލް ޒީއަށް ކިޔާދިނެވެ.
"ހޫމް. ދެން ބުނެބަ. މިއަދުގެ މަސައްކަތް ދިޔައީ ކިހިނެއް؟ ކޮން އިރަކުހެން ހީވަނީ ބަދަލުވެވޭނީ؟" ޒީނާ އަހާލީ އަދިވެސް ނާއިލްގެ ގައިގާ ބާރަށް ބައްދާލާއިގެން ހުރެގެންނެވެ.
"މިއަދުގެ މަސައްކަތް ވަރަށް ފުރިހަމަ. އިރާދަކުރެއްވިއްޔާ ދިހަ ދުވަސް ފަހުން ވަޒީފާއަށް ނުކުންނަން ވާއިރަށް ޒީ އެގެއަށް ބަދަލުކޮށްދޭނަން. އަނެއްކާ އަނެއް އުފާވެރި ހަބަރަކީ ޒީއާއި އެއްކޮށް އުޅެން ކުއްޖަކުވެސް ލިބިފައި ހުރީ. އެކަމަކު ވަރަށް ޒުވާން ކުއްޖެއް. ވިއްސައްކަށް އަހަރޯވާނީ ހާމިދު ބުނީ. ނިކަމެތި ކުއްޖެއްގެ ވާހަކަ ބުނީ. އަހަރެން ބުނިން މައްސަލައެއްނެތޭ. އޯކޭ ދޭށޭ." ނާއިލް އަތް ނަގާ ޒީނާގެ ބޮލުގެ އިސްތަށިގަނޑާއި ކުޅެލަމުން ބުނެލިއެވެ.
"ޒީ. އަބަދުވެސް ހަނދާނުގައި ބަހައްޓައްޗޭ އަހަރެން މިއީ ޒީގެ މީހެއްކަން. އަހަރެން ދުވަހަކުވެސް ޒީއަށް ދެރައެއް ލިބޭފަދަ ކަމެއް ނުކުރާނަން. އަދި ޒީ ދުލެއްވެސް ނުކުރާނަން. ކޮންމެ ހާލެއްގައި ވާން ޖެހުނަސް އަހަރެން އަބަދުވެސް ޒީދެކެ އިންތިހާއަށް ލޯބިވާނަން. ޒީ ތީ އަހަރެންގެ ފުރާނަ. ޒީއަށް ޓަކައި އަހަރެން ކޮންމެ ފަދަ ގުރުބާނީއެއްވެސް ވެދާނަން." ނާއިލް ޒީނާއަށް ހަނދާންކޮށްދިނީ އޭނާދެކެ ނާއިލް ލޯބިވާ މިންވަރެވެ.
"އަހަރެންވެސް ނާއިލްދެކެ ވަރަށް ވަރަށް ވަރަށް ބޮޑަށް ލޯބިވޭ. ނާއިލްއަށް އިހްސާސްވެސް ނުކުރެވޭހާ ބޮޑަށް ލޯބިވޭ. އަދި އަހަންނަށްވެސް އެނގެޔޭ ނާއިލްވެސް އަހަރެންދެކެ ލޯބިވާ ވާހަކަ. އެކަމަކަށް ޝައްކެއް ނުކުރަމޭ ދުވަހަކުވެސް." ދެމީހުން ދޭތެރެއަށް ދެން އައީ ލޯބިން ފުރިގެންވާ ވަގުތު ކޮޅެކެވެ.
***
ކޮޓަރި ތެރެއިން އިވެމުން ދިޔައީ ހަމައެކަނި ފަންކާގެ އެނބުރުމުގެ އަޑެވެ. ހުޅުވިފައިވާ ކުޑަދޮރުން ޖެހެމުން އަންނަ ފިނިފިނި ވައިރޯޅިތަށް ކޮޓަރިއަށްވަދެ އެނދުގައި ތިބި ޒީނާއާއި ނާއިލްއަށް ފިނިކުރަމުން ދިޔައެވެ. އޭރު ކުދިން ހޭލައިގެން ދެކުދިންނަށް ބަނޑުފުރާ ގާތުން ދިނުމުން ނިދެނީއެވެ. ނިދި ބަރުވެފައި ވާ ދެލޯ މަރާލަން ޒީނާވެސް މަސައްކަތް ކުރަމުން ދިޔައެވެ. ނާއިލް އަރާމު ނިންޖެއްގައި ހުވަފެނީ އާލަމުގައި އުފާވެރި ވަގުތުކޮޅެއް ހޭދަކުރަމުން ދިޔައީ ލޯބިވާ އަނބިމީހާއާއި ދަރިންނާއި އެކުގައެވެ.
ނިދެމުން ދިޔަ ޒީނާ ސިއްސައިގެން ދިޔައީ ކީއްވެގެން ކަމެއް ހުދު ޒީނާއަށްވެސް ނޭނގުނެވެ. ޒީނާއަކީ ސިއްސައިގެންގޮސް ހޭލެވޭ މީހެއް ނޫނެވެ. ދެލޯ ހުޅުވާ ބޮޑު ކޮށްލައިގެން ޒީނާ ވަށައިގެން ކޮޓަރިއަށް ބަލާލިއެވެ. އޭރު ދިއްލާފައި ހުރި ނިދާބޮކި ނިވި ދިއްލެނީއެވެ. ހީވަނީ އިސާހިތަކު ބޮކި އަނދާފާނެހެންނެވެ. މަޑުމަޑުން ގައިމަތީގައި އަޅާފައި އޮތް ރަޖާގަނޑު ދުރައް ޖައްސާލަމުން އެނދުން ފެއިބީ ބޮކި ނިއްވާލާށެވެ. ނަމަވެސް ބޮތްކާއި ހަމައަށް ނުދެވެނީސް ބޮކީގެ ނިވި ދިއްލުން ރަނގަޅު ވެއްޖެއެވެ. އަނބުރާލައިފާ އެނދާ ދިމާއަށް ހިނގައިގަތުމާއި އެކު އަނެއްކާވެސް ނިދާ ބޮކި ނިވިއްޖެއެވެ. އަޖައިބެއްތާ އޭ ހިތަށް އަރާ ޒީނާ އަނެއްކާވެސް އެނބުރިގަތެވެ. މިފަހަރު ގޮސް ސުވިޗުން ބޮކި ނިއްވާލުމަށްފަހުގައި ޖައްސާލިއެވެ. އިރުކޮޅަކު އެތާ މަޑުކޮށްލައިގެންވެސް ހުއްޓެވެ. އިތުރަށް ބޮކި ނުނިވޭތީ ގޮސް އެނދަށް އަރާ އޮށޯތީއެވެ.
ނިދަން ކުރެވުނު ހުރިހާ މަސައްކަތެއް ބޭކާރުވަމުން ދިޔައެވެ. ކޮޓަރިތެރޭގައި މީހަކު ވާކަމުގެ އިހުސާސް ކުރެވެނީއެވެ. ވަށައިގެން އެކިތަންތަނަށް ބަލަން އޮވެވެނީއެވެ. އެރޭ ކުދިންނަށް އަރާމު ނިންޖެއް ލިބުނު ނަމަވެސް ޒީނާއަށް ނިދޭގޮތެއް ނުއެއް ވިއެވެ. ތަން ބަދަލު ވުމުން ވާ ކަމެއް ކަމަށް ގަބޫލުކޮށްގެން އޮތް ޒީނާގެ ހިތަށް ބިރުވެރިކަން ވެރިވީ ނިކަން ކައިރިން އަންހެނަކު ޒީނާއަށް ގޮވާލި އަޑު އިވުމުންނެވެ.
"ޒީ ނާ" ވައި އަޑުން އޭތި ޒީނާއަށް ގޮވީ އެނދު ކައިރީގައި އިނދެގެންނެވެ.
ބިރުން ޒީނާއަށް ތެދުވާކަށްވެސް ނުކެރުނެވެ. ދެލޯ މަރާލާ ބާރުކޮށްލިއެވެ. ގަންނާކުރެއްވި ބިރުން ނާއިލްއަށް ގޮވަންވެސް ހަނދާނަކަށް ނައެވެ. ކަންފަތްމަތީގައި އަތްއަޅަން ހިތަށް އެރި ނަމަވެސް އެކަންވެސް ކުރާކަށް ޒީނާއަށް ނުއެއް ކެރުނެވެ. އޭތި ޒީނާއަށް ގޮވުން ހުއްޓާލުމަށްފަހުގައި ކުޑަދޮރުން ނުކުމެގެން ދިޔައީ އެރޭވެސް ފަތިސް ނަމާދަށް މުދިމު ބަންގި ދިނުމުންނެވެ.
ޒީނާއަށް ހަމަޖެހުމުގެ ނޭވާއެއް ދޫކޮށްލާ ދެލޯ ހުޅުވާ ލެވުނީ އެ އަޑުނީވި ބައިގަޑިއެއްހާއިރު ވުމުންނެވެ. މަޑުމަޑުން ޒީނާ ނާއިލްއަށް ގޮވާލިއެވެ.
"ނާއިލް. ނާއިލް ތެދުވެބަލަ" ވިސްނައިގެން ވަރަށް މަޑުމަޑުން ޒީނާ ނާއިލްއަށް ގޮވަމުން ދިޔައެވެ. ނަމަވެސް ގަދަ ނިދީގައި އޮތް ނާއިލްއަށް ކަމެއްހެންވެސް ހިއެއް ނުވިއެވެ. އަޑަށް ތަންކޮޅެއް ބާރުލާފައި ޒީނާ ނާއިލްއަށް ގޮވާލިއެވެ.
"ޒީ؟ ކިހިނެއްވީ؟ ހާދަ ހާސްވެފަ؟" ދެލޯ ހުޅުވާލުމާއި އެކު ނާއިލް ތެޅިގަތީ ޒީނާ ބިރުން އޮތްހެން ހީވުމުންނެވެ.
"ނާއިލް" ޒީނާއަށް ފެށުނީ ރޯށެވެ. ޒީނާ ހަމައަކަށް އެޅުވުނީ ނާއިލް އެތަށް އިރަކު މަސައްކަތް ކުރި ފަހުންނެވެ. ހަމައަކަށް އެޅުމުން އެރޭވި ކަންތައްތައް ނާއިލްއަށް ކިޔާދިނެވެ. ނާއިލްއަށް އެކަންތައް ގަބޫލު ކުރަން ދަތިވިއެވެ.
"ތިވާނީ ޒީއަށް ހީވި ގޮތެއް ކަމަށް. މިހާ ވިއްސާރަ އިރުގައި މި ކުޑަދޮރު ނުލައްޕާ ހުރީމަ ކަންނޭނގެ. ވަޔާ ގަސްތަކުގެ ފަތްތަށް ތެޅޭ އަޑު ކަމަށް ވެދާނެ. ނޫނީ ގަހެއްގެ ގޮފިކޮޅެއް ފުރާޅުގައި ކޭއްތޭ އަޑުކަމަށްވެދާނެ. ނޫނީ ދެބަދޭތެރޭގައި ޒީ އޮއްވާ ހީވި ގޮތެއް ކަމަށްވެސް ވެދާނެ. މާހައުލު މިހާ ކުއްލި ގޮތަކަށް ބަދަލުވީމަ ފާޑުފާޑުގެ އެއްޗެހި ހިތަށް އެރުމަކީ ވެދާނެ ކަމެކޭ. އެހެން ނޫނަސް އަންހެން އަޑަކުން މީހަކު ކީއްކުރަން ޒީއަށް ގޮވަންވީ؟ އަންހެނަކު ވިއްޔާ ގޮވާނީ އަހަންނަކަށް ނު؟ އެކަމަކު އެ އަންހެން މީހާއަކީ އަނެއްކަހަލަ މީހެއްކަމަށް ވަންޏާ އެހެންވެދާނެ." ޒީނާއާއި ސަމާސާ ކޮށްލާ ސަކަރާތް ޖަހާލިއެވެ.
"އާނ އެހެންޏާ. ވަރަށް މަޖާ. ނާއިލްވެސް ދެން ކޮންމެ ކަހަލަ ވާހަކައެއްވެސް ދައްކަފާނެ. އެކަމަކު އެއީ އަހަންނަށް ހީވި ގޮތެއް ނޫނޭ ނާއިލް. ގަބޫލު ކޮށްބަލަ." ޒީނާއަށް ރޮވޭ ގޮތްވިއެވެ.
"އޯކޭ ބޭބީ. ދެން ފަހަރަކު އެކަހަލަ ކަމެއް ވިއްޔާ އަހަންނަށް ގޮވާލާތި. އަހަރެން އެކަން ކުރާ މީހަކަށް ހޭ އަރުވާލާނަން." ނާއިލް ޒީނާ ގައިގާ ބައްދާލަމުން އޯގާތެރިކަމާއި އެކުގައި ބުންޏެވެ. ނާއިލް ދުވަހަކުވެސް ޒީނާ ރޯތަން ދެކުމަށް ބޭނުމެއް ނުވެއެވެ.
***
ދުވަހަކަށް ފަހު ދުވަހެއް މާޒީގެ ސޮފްހާތަކާއި އެކުވަމުން ދިޔައެވެ. ގޭގެ މަސައްކަތްތަށް ނިމި ގެއަށް ބަދަލުވާން ޖެހޭ ދުވަހެވެ. އެ ދުވަސް ޖެހުމުން އެންމެންވެސް ތިބީ ނިކަން އުފަލުންނެވެ. ނަމަވެސް ޒީނާގެ އުޅުމަށް ބަދަލުތަކެއް އަންނަމުން ދިޔައެވެ. އަބަދުވެސް ޒީނާ ހުންނަނީ ވަރުބަލިވެފައެވެ. ނިދެނީއެއް ނޫނެވެ. ނިދަން ބިރުގަންނަނީއެވެ. މަދު ފަހަރެއްގައި ނިދުނަސް ސިއްސައިގެން ގޮސް ހޭލެވެނީއެވެ. ކާހިތްވެސް ނުވަނީއެވެ. އެކަމާއި ނާއިލް ހުންނަނީ އިންތިހާއަށް ކަންތައް ބޮޑުވެފައެވެ.
ހުސްވަގުތެއް ލިބޭއިރަށް ނާއިލްވެސް ޒީނާއާއި އެކުގައި ވެއެވެ. ކުދިން ބަލަން އެހީވެދެއެވެ. ޒީނާއަށް ކިރިޔާވެސް ހިނިތުންވެލެވެނީ ނާއިލްއާއި އެކުގައި ވާ ވަގުތުތަކުގައެވެ. އެދުވަހުގައި ނާއިލް ހުރިހާ ވަގުތެއް ހުސްކުރީ ޒީނާއާއި ކުދިންނަށެވެ. ގެއަށް ބަދަލުވާ ދުވަސްކަމުންނެވެ. ރަށުގެ ބަޔަކަށް ގުޅައިގެން އެއްގެއިން އަނެއް ގެއަށް ފޮށިތަށް ބަދަލުކުރިއެވެ. އެއްޗެހިތަށް ރާވާ ކަންތައްކޮށްދިނީވެސް އެމީހުންނެވެ.
"ސަރޕްރައިޒް" ގެއަށް ވަދެ ޒީނާގެ ލޯމަތިން އަތް ނަގަމުން ނާއިލް ބުންޏެވެ.
"ވާއު" ގޭގެ ރީތިކަން ފެނި ޒީނާ ހައިރާންވިއެވެ. އެއީ އެހާ ދުވަސްވެފައިވާ ގެއެއްހެން މިހާރު ހިއެއް ނުވެއެވެ.
ސިޓިންގ ރޫމްގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދެނީ ރީތިކޮށްލުމައި ފަހުގައި އަލުން އެލެވާފައިވާ އެތަށް އަހަރެއް ވެފައިވާ އުނދޯލީގެ ސަބަބުންނެވެ. މަޑު ފެހިކުލައިން މުޅި ސިޓިންގ ރޫމްގައި ކުލަލާފައިވިއެވެ. އެއްފާރުގައި ހަރުކޮށްފައިވީ ޒީނާއާއި ނާއިލްގެ ކައިވެނީގެ ރީތި ފޮޓޯއެކެވެ. އެ ފޮޓޯ ވަށައިގެން ކުޑަދެކުދިންގެ ފޮޓޯތަށް ހަރުކޮށްފައިވާ ހުއްޓެވެ. ފަހަރަކު ތަނެއް ބަލަމުން ހިނިތުންވަމުން ޒީނާ ގޮސް އިށީނީ ފާރުކައިރީގައި ބަހައްޓާފައި ހުރި ސަރަންފީގޮނޑީގައެވެ. އެއީ އެތަކެއް އަހަރެއް ވަންދެން އެގޭތެރޭގައި ހުރި ގޮނޑިއެކެވެ. ނާއިލް އެގެ ރީތިކޮށް މަރާމާތު ކުރީ ބޭނުން ހިފޭތަކެތި އެއްލާނުލައެވެ. ރީތިކުރުމަށްފަހުގައި ބޭނުން ކުރެވޭ ގޮތަށް އެފަދަ ކިތަންމެ އެއްޗެއް ބަހައްޓާފައި ހުއްޓެވެ.
ޒީނާ ހިނިތުންވަމުން ދިޔައިރު ގޭގެ އަސްކަނި ދޮށުގައި ހުއްޓިލައިގެން ގޭތެރެއަށް ބަލަން އެއްކަލަ "އެތި" ރުޅި އައިސްފާ ހުއްޓެވެ.
ނުނިމޭ
ހިޔާލު
❤❤❤