މެންޗެސްޓާ ޔުނައިޓެޑަކީ މެންޗެސްޓާ ސިޓީއަށްވުރެ މިހާރުވެސް ބޮޑު ކްލަބެއްކަމަށް ޔުނައިޓެޑް ކޯޗު އޮލެ ގުނަ ސޯލްޝެއާ ބުނެފިއެވެ.
އިންގްލިޝް ޕްރިމިއާ ލީގުގައި މިރޭ ސިޓީއާއި ޔުނައިޓެޑާއި ބައްދަލުކުރާ މެޗާއި ގުޅޭ ގޮތުން ވާހަކަ ދައްކަމުން ސޯލްޝޭއާ ބުނީ، މެންޗެސްޓާ ޔުނައިޓެޑަކީ މެންޗެސްޓާ ސިޓީއަށްވުރެ މިހާރުވެސް ބޮޑު ކްލަބެއްކަމަށާއި، ކްލަބުގެ ސައިޒާއެކު އެހެން ޓީމުތައް ބަލިކޮށް ތާވަލްގެ މަތިން ޖާގައެއް ލިބޭތޯ މަސައްކަތް ކުރާނެކަމަށެވެ.
ސިޓީ އަދި ޔުނައިޓެޑް ބައްދަލުކުރާ މެޗު ފެށުމަށް ހަމަޖެހިފައިވަނީ މިރޭ 22:30 ގައެވެ.
ޔުނައިޓެޑަށް ޕްރިމިއާ ލީގު އެންމެފަހުން ކާމިޔާބުކުރެވިފައިވަނީ 2013 ވަނަ އަހަރުއެވެ. އެއީ ޔުނައިޓެޑްގެ 20 ވަނަ ތައްޓެވެ. އެންމެފަހުން ކުޅުނު 6 ސީޒަންގައިވެސް ޕްރިމިއާ ލީގު ތަށި ޔުނައިޓެޑަށް އުފުލާލެވިފައިނުވާއިރު، މިސީޒަންގައި މިހާރުވެސް ޔުނައިޓެޑްއޮތީ ތާވަލްގެ 6 ވަނާގައެވެ.
ސިޓީއިން އެންމެ ފަހުގެ ދެ ޕްރިމިއާ ލީގު ކާމިޔާބުކޮށްފައިވާއިރު، މިދިޔަ 6 ސީޒަންގައި 3 ފަހަރެއްގެ މަތިން ސިޓީއިންވަނީ ޕްރިމިއާ ލީގުގެ ތަށި އުފުލާލާފައެވެ.
މަޝްހޫރު ކޯޗު އެލެކްސް ފާގަސަން 2013 ވަނަ ޔުނައިޓެޑް ދޫކޮށްލިފަހުން ސިޓީއިންވަނީ 7 މެންޗެސްޓާރ ޑާބީއިން މޮޅުވެފައެވެ. ޔުނައިޓެޑު މޮޅުވެފައިވަނީ މެންޗެސްޓާރ ޑާބީގެ 3 މެޗުންނެވެ.
32 ޕޮއިންޓާއެކު މިސީޒަންގެ ތާވަލްގެ ތިންވަނާގައި ސިޓީ އޮތްއިރު، 21 ޕޮއިންޓާއެކު ޔުނައިޓެޑް އޮތީ 6 ވަނާގައެވެ.



