އެމެރިކާގެ ރައީސަކު ހޮވުމަށް 2020 ވަނަ އަހަރު ބާއްވާ އިންތިހާބުގައި ހިލަރީ ކުލިންޓަން ވާދަނުކުރައްވާނެ ކަން ހާމަ ކުރައްވައިފިއެވެ.
މިކަން ހިލަރީ ކަށަވަރު ކޮށްދީފައިވަނީ އެމެރިކާގެ ޓީވީ އަކަށް ރޭދިން ބަސްދީ ގަތުމެއްގައެވެ.
"އިންތިހާބުގައި ވާދައެއް ނުކުރާނަން، އެކަމަކު ސިޔާސީ ކަންކަމަކުން ދުރަކަށް ނުދާނަން، އަހަރެން ގަބޫލުކުރާ ކަންކަމަށް ވަކާލާތުކޮށް އަޑު އުފުލުމުގައި ދެމިހުންނާނަން" ހިލަރީ ބުނެފައި ވެއެވެ.
ހިލަރީ އަކީ 2016 ވަނަ އަހަރު އެމެރިކާގެ ރައީސަކު ހޮވުމަށް ބޭއްވި އިންތިހާބުގައި ޑިމަކްރެޓިކް ޕާޓީއިން ވާދަކުރެއްވި ކެންޑިޑޭޓެވެ. ހިލަރީ އެފަހަރު އިންތިހާބުން ނާކާމިޔާބުވެ ވަޑައިގެންނެވީ ރިޕަބްލިކަން ކެންޑިޑޭޓް ޓުރަމްޕް އާއި ވާދަކޮށެވެ.
ހިލަރީ އަކީ ރައީސް އޮބާމާގެ ދައުރުގައި ސަރުކާރުގެ އިސްމަގާމްތަކެއް ފުރުއްވައިފައިވާ ބޭކަނބަލެކެވެ.