ރޭގަނޑު ކިތަންމެ ވަރަކަށް ނިދަން މަސައްކަތް ކުރިކަމުގައި ވިޔަސް ލޮލަށް ހަމަ އެންމެ ނިދި ކޮޅެއްވެސް ނާންނަ މައްސަލަ ކުރިމަތިވޭހެއްޔެވެ.؟ ނުވަތަ ނިދިއައިކަމުގައިވިޔަސް ދެފަރާތައް ފުރޮޅިލަ ފުރޮޅިލާ ނުނިދިފައި އޮންނަން ޖެހޭ ފަހަރު އާދޭ ހެއްޔެވެ؟ މިއީ "އިންސޮމްނިއާ" ނުވަތަ ނުނިދޭ ބަލީގެ އަލާމާތެކެވެ.
އިންސޮމްނިއާކީ ނިދިއައުމުގައި އިންސާނުންނަށް އުނދަގޫތަކާއި ކުރިމަތިވުން ނުވަތަ ނިދާފައި ގިނަވަގުތު ނޯވެވުމެވެ. ނަމަވެސް މިކަމަށް ހައްލެއް ހޯދިދާނެއެވެ. ރޭގަނޑުގެ ފުރިހަމަ ނިދި އަވަހަށް ބޭނުންނަމަ މިގޮތައް ކަންތައް ކުރާށެވެ.
އެންމެ ފުރަތަމަ ކުރަންވީކަމަކީ، ނިދުމުގެ ކުރިން ހުރިހާ އަލިތަކެއް ނިއްވަން އާދަކުރަންވީއެވެ. ކޮމްޕިއުޓަރ، ޓީވީ އަދި ފޯނު ފަދަ ތަކެތިން ފޯރާ އަލިތަކުގެ ސަބަބުން ފުރިހަމަ ނިދި ލިބުގައި ވަރަށް ބޯޑު ދައުރެއް އަދާކުރާ ހޯރމޯން އެއްކަމުގައިވާ "މެލަޓޮނިން" އުފެއްދުން މަދުވެއެވެ. މިއީ ސިކުނޑީގެ މެދުގައި ހުންނަ "ޕީނިއަލް ގްލޭންޑް" އިން އުފައްދައިދޭ ހޯރމޯންއެކެވެ. ނަމަވެސް ލޮލަށް އެޅިފައި ހުންނަ އަލިތަކުގެ ސަބަބުން މި ހޯރމޯން އުފެއްދައިދިނުމުގައި ދަތިތަކަކާ ކުރިމަތިވެއެވެ. އެހެންކަމުން ނިދުމުގެ އެއްގަޑިއިރު ނޫނީ ދެ ގަޑިއިރު ކުރިން ބޭކާރު އަލިތައް މަދުކުރާށެވެ.
ރޭގަނޑު ގިނަވަގުތު ކޮމްޕިޔުޓަރ ދަށުގައި މަސައްކަތް ކުރަން ނުހުންނާށެވެ. އޭގެ ސަބަބުން ސިކުނޑީގެ ހިނގުން އަވަސްވެ ސްޓްރެސް ލެވެލް އިތުރުވެއެވެ. މީގެ ސަބަބުން ނިދުމުގެކުރިން އިންސާނާގެ ހަށިގަނޑަށް ލިބެންޖެހޭ އަރާމު ނުލިބި، ނިދުމާ ދުރުކޮށްދެއެވެ. މީގެ އިތުރުން ރޭގަނޑު ނިދާއިރު ފޯނު އަތައް ލައިގެން އޮތުމުގެ ބަދަލުގައި ފޮތެއް ކިޔާލުމަކީ އަވަހަށް ނުދިއައުމަށް ވަރަށް ބޮޑަށް އެހީވާނެ ކަމެކެވެ.
ދެންމިއޮތީ ފަސޭހައިން ނިދާލުމަށް ކޮންމެ މީހަކުވެސް އަމިއްލައަށް ކޮށްލެވިދާނެ ވަރަށް މޮޅު އުކުޅެކެވެ. މިއީ އެކި ގޮތް ގޮތަށް ނޭވާލުން ކޮންޓްރޯލުކޮށްގެން ސްޓްރެސް އިން ދުރުކޮށްދީ އަވަހަށް ނުދިއައުމަށް އެހީވެދޭ ޓެކްނިކެކެވެ. މިއީ ކޮންމެ ވަގުތަކުވެސް ނުނިދި ސްޓްރެސް ވާނަމަ ކުރެވިދާނެ ކަމަކެވެ. އެގޮތުން މިކަން ކުރާނެ ގޮތަކީ، ނިދަން އޮއްތާލުމަށްފަހު އެންމެ ފުރަތަމަ ދުލުގެ ކުރީކޮޅު ދަތްޕިލާގެ މަތީ މެދުދަތުގެ ފަހަތުގައި ޖައްސާލާށެވެ. އެއަށްފަހު އަނގައިން އެއްކޮށް ނޭވާ ބޭރުކޮށްލުމަށްފަހު އަނގަ ލައްޕާށެވެ. އަނގަ ލެއްޕުމަށްފަހު ސިކުނޑި ބޭނުންކޮށްގެން ހަތަރަކާ ހަމައަށް ގުނަމުން، ނޭފަތުން އެތެރެއަށް ނޭވާލާށެވެ. ދެން ނޭވާ އެއްކޮށް ހިފަހައްޓާލުމަށްފަހު ސިކުނޑިން ހަތަކާ ހިސާބަށް ގުނާށެވެ. އަދި އެންމެފަހުން އަނގަ ހުޅުވުމަށްފަހު އެއްކޮށް ނޭވާ ފުރިހަމައަށް ބޭރަށްލަމުން ސިކުނޑިން އަށަކާ ހަމައަށް ގުނާށެވެ. އަދި ހަމަ މިގޮތަށް މަދުވެގެން ތިންވަރަކަށް ފަހަރު މިހުރިހާ ކަމެއް ތަކުރާރު ކުރާށެވެ. އިސާހިތަކު ފަސޭހަކަމާއެކު ފިކުރުތަކާއި ދުރުކޮށްދީ އަވަހަށް ނިދޭނެއެވެ.
ނިދުމަށްފަހު ރޭގަނޑުގެ މެދުތެރެއިން ހޭލެވުމަކީ ވަރަށް ގިނަ މީހުންނަށް ދިމާވާ މައްސަލައެކެވެ. އަދި ހޭލެވުމަށްފަހު ނިދަންއުޅެއުޅެވެސް އަލުން ނިދިނައުމަކީ އެރެއެއްގެ ނިދި ހަރާބުވާކަމެކެވެ. މިގޮތައް ހޭލެވޭ ގިނަފަހަރު ގަޑި ބަލާލުމަކީ ކޮންމެ މީހެއްގެ ގައިގައިވެސް އަށަގެނެފައި ހުންނަ އާދައެކެވެ. އަދި މިގޮތައް ގަޑި ބަލައިފިނަމަ ދެން އަލުން އަނބުރާ ނިދިނައުމަކީ ދިމާވާ މައްސަލައެކެވެ. މިކަމުގެ ސަބަބުން ކޮންމެ ރެއަކު އެއްގަޑިއެއްގައި ހޭލެވުމުގެ އާދަ އަށަގަނެއެވެ. އެހެންކަމުން އެންމެ ރަނގަޅު ގޮތަކީ ނިދާ ކޮޓަރީގައި ގަޑި ނުބެހެއްޓުމެވެ. އަދި ފޯނުން ގަޑި ބެލުމުގެ ބަދަލުގައި ހޭލަން ބޭނުންވާ ގަޑިއަކަށް ފޯނު އެލަރމް ކުރާށެވެ.
ނިންޖަކީ އިންސާނާގެ ދުޅަ ހެޔޮކަމަށާއި ސިކުނޑި ހެދިބޮޑުވުމަށް ވަރަށް މުހިއްމު އެއްޗެކެވެ. އެހެންކަމުން ނިދި އޭގެ އެންމެ ފުރިހަމަ ކަންމަތީ ހޯދުމަށް އެންމެންވެސް މަސައްކަތް ކުރާށެވެ.