އީޕީއެލް - ޔުނައިޓެޑުން މެންޗެސްޓާރ ޑާބީ ކާމިޔާބުކޮށްފި

މެންޗެސްޓާރގެ ވަރުގަދަ ދެކްލަބެއްކަމަށްވާ މެންޗެސްޓާރި ޔުނައިޓެޑްއާއި މެންޗެސްޓާ ސިޓީއާއި ދެމެދު ކުޅެވޭ މެންޗެސްޓާރ ޑާބީ މެންޗެސްޓާރ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.

ސިޓީގެ ދަނޑުގައި ކުޅެވުނު މިމެޗު ޔުނައިޓެޑުން ކާމިޔާބުކޮށްފައިވަނީ 1-2 ގެ ނަތީޖާއަކުންނެވެ.

މެޗު ފެށުނީއްސުރެ ފޯރި ގަދަ ކުޅެމެއް ފެނިގެންދިޔަ މިމެޗުގައި ޔުނައިޓެޑްގެ ފަރާތުން ނުރައްކާތެރި ކައުންޓަރ އެޓޭކްތަކެއް ފެނިފައިވާއިރު، ސިޓީގެ ހަމަލާތައް ވަރުގަދައަށް ޑިފެންޑް ކުރަމުންދިޔައެވެ. މެޗުގައި ފުރަތަމަ ފަހަރަށް ޔުނައިޓެޑުން ލީޑު ނެގީ ރަޝްފޯޑް ކާމިޔާބުކޮށްދިން ލަނޑަކުންނެވެ. ވީއޭއާރުގެ އެހީގައި ލިބުނު ޕެނަލްޓީއަކުން ރަޝްފޯޑު މިލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 29 ވަނަ މިނަޓްގައެވެ. ޔުނައިޓެޑަށް މިޕެނަލްޓީ ލިބިފައިވަނީ އޭރިއާތެރެއިން ރަޝްފޯޑަށް ބަނާޑޯ ސިލްވާ ކުރި ފައުލަކާއި ގުޅިގެންނެވެ.

ފުރަތަމަ ލަނޑަށްފަހު މާގިނައިރުތަކެއް ނުވެ ޔުނައިޓެޑުން އިތުރުން ލަނޑެއްޖަހައ ލީޑު ފުޅާކުރިއިރު، ޔުނައިޓެޑް މިލަނޑާއެކު ސިޓީގެ ސަޕޯޓަރުންތައް ޙައިރާންވެގެންދިޔައެވެ. ސިޓީއިން ރަނގަޅަށް ކުޅެ މެޗު ތެރެއަށް ވަންނަން މަސައްކަތްކުރަނިކޮށް ޔުނައިޓެޑްގެ މާޝިއަލް މިލަނޑު ކާމިޔާބުކޮށްދީފައިވަނީ ވަރަށް ހަނި އޭންގަލަކުންނެވެ.

މިލަނޑާއެކު މެޗުގެ ފުރަތަމަ ހާފު ނިމިގެން ގޮސްފައިވަނީ ދެލަނޑުގެ ތަފާތަކުން ޔުނައިޓެޑް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފަށް ޔުނައިޓެޑް ނުކުތީ ލިބިފައިވާ ދެލަނޑުގެ ލީޑުގައި ހިފަހައްޓާލުމުގެ ނިޔަތުގައެވެ. އެގޮތުން ދެވަނަ ހާފުގައި ޔުނައިޓެޑްގެ ފަރާތުން ވަރުގަދަ ދިފެންސިވް ކުޅުމެއްވަނީ ފެނިގެން ގޮސްފައެވެ.

ލީޑު ހަނިކުރުމަށް ސިޓީއިން ކެނޑިނޭޅި ކުރަމުން އައި މަސައްކަތުން އެކްލަބަށް މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކުރެވުނީ ފުރިހަމަ ވަގުތު ހަމަވާން ފަސް މިނަޓަށްވެފައިވަނިކޮށެވެ. ކޯނަރަކުން ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް އޮޓެމެންޑީ މިލަނޑު ކާމިޔާބުކޮށްފައިވަނީ ބޮލުންނެވެ. މިލަނޑާއެކު ސިޓީއަށް އާހިތްވަރެއް ލިބިގެންދިޔަ ނަމަވެސް މެޗުގައި ބާކީ އެކަށީގެންވާ ވަގުތު ނެތުމުގެ ސަބަބުން ނަތީޖާ ހަމަހަމަކުރެވޭގޮތްވަނީ ނުވެފައެވެ.

ދެޓީމުގެ ކީޕަރުންވެސް ނުރައްކާތެރި އެތަށް ހަމަލާއެއް މެޗުގައި ދިފާޢުކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗުން ދަށްވެ ސިޓީއާއި އެއްވަނާގައި އޮތް ލިވަޕޫލްއާއި ދެމެދު އޮތް ފަރަގު ބޮޑުވިއިރު، ރޭގެ މެޗުން މޮޅުވެ، ޔުނައިޓެޑުންވަނީ 23 ޕޮއިންޓާއެކު ގަދަ ފަހަކަށް ޖެހިލާފައެވެ.

މިލިޔުން ކިޔާލުމުން
ގުޅުންހުރި ލިޔުންތައް
އަދާހަމަ
އަދާހަމަ